ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަން އުޅުނު ލަންކާގެ މަސް ބޯޓެއް 4 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ގަވާއިދާ ހިލާފަށްވަދެ، މަސްވެރިކަން ކުރަން އުޅެނިކޮށް އަތުލައިގަތް ބޯޓުގެ ވެރިފަރާތް ހަތަރު ލައްކަ ރުފިޔާ އިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

އަދި އެ މީހާ ޖޫރިމަނާކޮށްފައިވަނީ ރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުގެ ދަށުން މިނިސްޓްރީއަށް ލިބިގެންވާ ބާރުގެ ދަށުން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މަސްބޯޓު ފެނިފައިވަނީ ލ. އަތޮޅުގެ އިރުން 45 މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުން "ސީލައިން-03" ނަމަކަށް ކިޔާ ދޯންޏަކަށެވެ. އަދި އެ ބޯޓު ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެންދިޔަ އިރު ބޯޓުގައި ފަސް ފަޅުވެރިން ތިއްބެވެ.

ރާއްޖެ އަކީ ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކަށް ވެފައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަން ދޭތެރެ ދޭތެރެއިން އުޅަނދުތައް ވަދެއެވެ.

އާންމުކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަންނަ މި ބާވަތުގެ އުޅަނދުތައް އިތުރަށް ބަލާ ފާސް ކުރާ އިރު މަސްތުވާތަކެތި ފެންނަ ނިސްބަތްވެސް މަދެއް ނޫނެވެ.