ދައުލަތުގެ އޮފީސްތަކާއި އަމިއްލަ އޮފީސްތަކަށް ހާޒިރުވެގެން މަސައްކަތްކުރުމަށް ހުއްދަ ދީފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ރޭ ނެރުނު އިއުލާނެއްގައި ބުނީ މިއަދުން ވަކިގޮތެއް އަންގަންދެން، ދައުލަތުގެ އޮފީސްތަކާއި އަމިއްލަ އޮފީސްތަކުން އޮފީހަށް ހާޒިރުވެގެން މަސައްކަތްކުރުމަށް ހުއްދަ ދީފައިވާ ކަމަށެވެ.

އޮފީސްތައް ހުޅުވައިގެން މަސައްކަތްކުރާއިރު އަމަލު ކުރަންވީ ގޮތް:

  • މުވައްޒަފުން ގޭގައި ތިބެގެން ކުރެވެން ހުންނަ މަސައްކަތްތައް ގޭގައި ތިބެގެން ކުރާގޮތަށް ހަމަޖެއްސުން.
  • އެއްފަހަރާ އޮފީހަށް ނުކުންނަ މުވައްޒަފުންގެ އަދަދު މަދުކޮށް، ދަންފަޅިތަކަށް ބަހައިލައިގެން މަސައްކަތަށް ނުކުތުން.
  • ބަލީގެ އަލާމާތްތައް ހުންނަ މުވައްޒަފުން އޮފީހަށް ނުނުކުތުމަށާއި، އަލާމާތްތައް ފެނުމުން ލަސްނުކޮށް ފްލޫ ކްލިނިކަށް ދައްކައިގެން ޓެސްޓުކުރުމާއި ފަރުވާ ހޯދުން.
  • މުވައްޒަފުން ހުރިހާ ވަގުތެއްގައި ވެސް ގައިދުރުކަން ބެހެއްޓުމާއި، މާސްކް އެޅުމާއި، ރައްކާތެރިކަމުގެ އެހެނިހެން ފިޔަވަޅުތައް އަޅައިގެން މަސައްކަތުގައި އުޅުން.
  • މަސައްކަތުގައި އޮފީހުގައި އުޅޭއިރު މުވައްޒަފުން އެކުގައި ސައިބުއިމާއި ކެއުމުގެ ބަދަލުގައި، އެ މީހެއްގެ ވަރކްސްޓޭޝަނުގައި، އެހެން މީހުންނާ ވަކިން ގައިދުރުކަން ބަހައްޓައިގެން ކެއިންބުއިމުގެ ކަންކަންހަމަޖެއްސުން.
  • އެކިއެކި ބައްދަލުވުންތައް އޮންލައިންކޮށް ބާއްވާގޮތަށް ހަމަޖެއްސުން.
  • އޮފީސްތަކުން އޮންލައިންކޮށް ދެވެން ހުރި ހިދުމަތްތައް އޮންލައިންކޮށް ދިނުން. އަދި އޮންލައިން ހިދުމަތްތައް ވީހައިވެސް ގިނަކުރުމަށް މަސައްކަތްކުރުން.
  • އޮފީސްތަކުގައި މަސައްކަތްކުރުމުގައި ކޮވިޑް-19 އިން ރައްކައުތެރިވުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ކަނޑައަޅައިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުން.

އެޗްޕީއޭއިން ވަނީ އެ ފިޔަވަޅުތައް ތަންފީޒުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުމަށް، އެންމެހާ އިދާރާތަކަށާ ފަރާތްތަކަށް އަންގާފައެވެ. އަދި އެ އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރާންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ވެސް ވަނީ އަންގާފައެވެ.