ބީއެމްއެލްގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 15 ގައި ބާއްވަން ނިންމައިފިއެވެ.

މި ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުންނަށް ރަޖިސްޓަރީވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ރަޖިސްޓަރީވާން ޖެހޭނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮޒިޓަރީ (އެމްއެސްޑީ) އިންފިނިޓީ ޕޯޓަލް މެދުވެރިކޮށެވެ. ރަޖިސްޓްރީވުމުގެ އެންމެ ފަހުގެ ތާރީހަކީ މި މަހުގެ 13 ވަނަ ދުވަސް ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ބުނެއެވެ.

15 ވަނަ ދުވަހުގެ ހެނދުނު 10 ޖަހާއިރު އެމްއެސްޑީ ގެ ފަހިވޯޓު ޕޯޓަލް މެދުވެރިކޮށް ބާއްވާ މި ޖަލްސާގައި ބައިވެރިވެވޭނީ ބީއެމްއެލްގެ ހިއްސާދާރުންގެ ދަފްތަރުގައި 13 ވަނަ ދުވަހުގެ ކުރިން ރަޖިސްޓަރީވާ މީހުންނަށް ކަމަށް ބީއެމްއެލް އިން ވަނީ އަންގާފައެވެ.

މި އަހަރުގެ ޖަލްސާގައި ޑިރެކްޓަރުންގެ ބޯޑަށް މެމްބަރުން އިންތިހާބުކޮށް މެމްބަރުންގެ އުޖޫރަ ކަނޑައަޅާ އަދި މިދިޔަ އަަހަރު ބީއެމްއެލްއަށް ލިބުނު ފައިދާ އިން ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވާ އަދަދު މި ޖަލްސާގައި ފާސްކުރާނެ ކަމަށް ބޭންކުން މައުލޫމާތު ދެއެވެ.

ބީއެމްއެލް ޑިރެކްޓަރުންގެ ބޯޑުން ވަނީ ހިއްސާއަކަށް 15ރ. ބެހުމަށް އަހަރީ އާއްމު ޖަލްސާ އަށް ހުށަހަޅައިފަ އެވެ. އެއީ ޖުމުލަ 80.7 މިލިއަން ރުފިޔާއެވެ.