ބަލީގެ އަސްލު ދެނެގަނެވިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް އިތުރުވަމުން ދިއުމާ ގުޅިގެން، އިންޑޮނޭޝިއާގެ މައި ސަރަހައްދުތަކެއް ލޮކްޑައުން ކުރަން ނިންމައިފިއެވެ.

ކޭސްތައް އިތުރު ވަމުން ދިއުމާ ގުޅިގެން، މައި ރަށުގެ ގޮތުގައި ބަލަމުން އަންނަ ޖާވާގެ އިތުރުން، ފަތުރުވެރިންގެ މެދުގައި މަގުބޫލު، ބާލީވެސް ލޮކްޑައުން ކުރަން ވަނީ ނިންމާފައެވެ. އިންޑޮނޭޝިއާ ލޮކްޑައުންއަކަށް ދާކަން އިއުލާން ކުރެއްވީ އެ ގައުމުގެ ރައީސް، ޖޯކޯ ވިޑޯޑޯއެވެ.

ޗުއްޓީއާ ދިމާކޮށް ދަތުރުފަތުރު ކުރާ މިންވަރު އިތުރުވުމާ، އިންޑިއާއިން ފެންމަތިވި ޑެލްޓާ ވޭރިއަންޓްގެ ސަބަބުން، މި ފަހަކުން އިންޑޮނޭޝިއާއިން ވަނީ 2 މިލިއަނަށް ވުރެ ގިނަ ކޮވިޑް ކޭސް ރެކޯޑް ކޮށްފައެވެ.

14 ދުވަހުގެ މުއްދަތަށް އިންޑޮނޭޝިއާ ލޮކްޑައުން ކުރާއިރު، އެ ގައުމުން އަމާޒު ހިފާފައި ވަނީ، ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ އަދަދުތައް، 10000 އަށްވުރެ ދަށް ކުރާށެވެ. އިންޑޮނޭޝިއާއިން މިހާރު ދުވާލެއްގެ މައްޗަށް، 20000 އަށް ވުރެ ގިނަ ޕޮޒިޓިވް ކޭސް ރިޕޯޓް ކުރެއެވެ. ނަމަވެސް، ވެރިރަށް ޖަކާޓާއިން ބޭރުގައި ޓެސްޓު ކުރުން މަދުވުމުގެ ސަބަބުން، ހަގީގީ އަދަދުތައް މިއަށްވުރެވެސް މަތި ވާނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި އެހީ ފޯރުކޮށްދެމުން އަންނަ ރެޑްކްރޮސް އަދި ރެޑް ކްރެސެންޓް ޖަމިއްޔާއިން ވަނީ، އިންޑޮނޭޝިއާ މިވަގުތު އޮތީ، ކާރިސާއެއްގެ ތުންފަތް މަތީގައި ކަމުގެ އިންޒާރުވެސް ދީފައެވެ.

އިންޑޮނޭޝިއާއަކީ ކޮވިޑުން ދިފާއުވުމަށް ވެކްސިން ކެމްޕޭންވެސް ހިންގަމުން އަންނަ ގައުމެކެވެ. މި ވެކްސިން ކެމްޕޭންގައި އެ ގައުމުން މައިގަނޑު ގޮތެއްގައި ބަރޯސާ ވެފައި ވަނީ ޗައިނާގެ ވެކްސިންއަށެވެ.