ގއ. ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ 81 އަހަރުގެ ދިވެހި އަންހެނަކު މަރުވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ، މިއަދު ކޮވިޑް ބަލީގައި މަރުވި 81 އަހަރުގެ އަންހެންމީހާ އާއެކު މިހާރު މި ބަލީގައި މަރުވި މީހުންގެ އަދަދު 212 އަށް އަރާފައިވާ ކަމަށެވެ. އެމީހާ މަރުވީ މިއަދު ފަތިހު 4:55 ހާއިރު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިއީ މި ބަލީގައި މި މަހު މަރުވި ފުރަތަމަ މީހާއެވެ. މި އަހަރު ތެރޭ މިހާތަަނަށް 212 މީހަކު މަރުވެފައިވާ އިރު މިދިޔަ އަހަރު މި ބަލީގައި ވަނީ 48 މީހަކު މަރުވެފައެވެ. އަދި މިއަހަރު 164 މިހާކު މި ވަނީ މަރުވެފައެވެ.

2021 ގެ ކޮވިޑް މަރުގެ އަޕްޑޭޓް: 164

  • ޖޫން 2021 - 50 މަރު
  • މެއި 2021 - 88 މަރު
  • އޭޕްރީލް 2021 - 6 މަރު
  • މާޗް 2021 - 5 މަރު
  • ފެބްރުއަރީ 2021 - 10 މަރު
  • ޖެނުއަރީ 2021 - 4 މަރު

މިދިޔަ އަހަރުގެ މާޗް މަހުގެ 7 ވަނަ ދުވަހު ރާއްޖެއިން ފުރަތަމަ ކޮވިޑް ކޭސްއެއް ފެނިފައިވާއިރު އެ މަހުގެ 27 ވަނަ ދުވަހު ވަނީ ފުރަތަމަ ފަހަރަށް ރާއްޖެއިން ދިވެއްސަކު މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. މިއަދާ ހަމައަށް މި ބަލި ރާއްޖެއިން ފެނުނުތާ މި ވަނީ 481 ދުވަސް ވެފައި ވާއިރު މި ވޭތުވެ ދިޔަ 13 މަސް ދުވަހަށް ބަލާ އިރު އެންމެ ގިނަ މީހުން މަރުވެފައި ވަނީ މިދިޔަ މެއި މަހުއެވެ.

އަދި މިހާތަނަށް އެންމެ ގިނަ މީހުން މަރުވި ދުވަހަކީ މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހެވެ. އެ ދުވަހު ވަނީ ޖުމްލަ 13 މީހަކު މަރުވެފައެވެ.