ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ފަތުރުވެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ތައިލޭންޑްގެ ދެކުނުގެ ރިޒޯޓް ރަށެއް ކަމަށް ވާ، ޕުކެޓް، ބައިނަލްއަގުވާމީ ފަތުރުވެރިންނަށް އަލުން ހުޅުވާލައިފިއެވެ.

ބައިނަލްއަގުވާމީ ފަތުރުވެރިންނަށް ޕުކެޓް، މިއަދުން ފެށިގެން ހުޅުވާލާފައި މިވަނީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރުން ކޮންޓްރޯލް ކުރުމަށް ތައިލޭންޑުން ތަންފީޒު ކުރަމުން ދިޔަ ހަރުކަށި ފިޔަވަޅުތަކުގެ ތެރެއިން، ބައިނަލްއަގުވާމީ ފަތުރުވެރިންނަށް ގައުމުގެ ބޯޑަރު ބަންދުކޮށްފައި އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުންނެވެ.

ޕުކެޓަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަކީ ކޮވިޑް ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކޮށް، އަމިއްލަ ގައުމުގައި 14 ދުވަސް ފުރިހަމަ ކޮށްފައިވާ ފަތުރުވެރިން ކަމުގައި ވަނީ ނަމަ، ޕުކެޓްގައި ކަރަންޓީނު ވާން ނުޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި ޕުކެޓަށް އެރުމަށްފަހު ހަދާ ކޮވިޑް ޓެސްޓުގެ ނަތީޖާ ނެގެޓިވް ވަންދެން، ފަތުރުވެރިން މަޑު ކުރަން ޖެހޭނީ، ހޮޓަލުގެ ކޮޓަރިއެއްގައި ކަމަށް، ޕުކެޓްގެ ފަތުރުވެރިކަމާ ބެހޭ ޖަމިއްޔާގެ ރައީސް ބުމިކްތީ ރުކްޓައެންގަމް ވަނީ ވިދާޅުވެފައެވެ.

ތައިލޭންޑްގައި ހުއްޓާ ކޮވިޑަށް ޕޮޒިޓީވްވާ ފަތުރުވެރިން، ސިއްހީ ފެސިލިޓީއަކަށް ބަދަލު ކުރުމަށް ވަނީ ނިންމާފައެވެ.

ޕުކެޓަކީ ތައިލޭންޑްގެ ފަތުރުވެރި މަންޒިލްތަކުގެ ތެރެއިން ކަރަންޓީނާ ނުލާ، ބައިނަލްއަގުވާމީ ފަތުރުވެރިން ބަލައިގަތުމުގެ އާ މޮޑެލްއެއް ފުރަތަމަ ފަހަރަށް ތަންފީޒު ކުރާ ރިޒޯޓް ރަށެވެ. މިއީ ތައިލޭންޑްގެ އިގުތިސޯދު ހެޔޮ ފާލަކަށް އެޅުވުމަށް ތަޖުރިބާ ކުރާ މޮޑެލްއެއް ކަމަށް މައުލޫމާތު ލިބެއެވެ. މި މޮޑެލް ތަޖުރިބާ ކުރުމަށް ދެކުނުގެ ސަރަހައްދު ހިޔާރު ކޮށްފައި ވަނީ، ޖިއޮގްރަފީ ގޮތުން އެކަހެރިކަން ބޮޑު ސަރަހައްދަކަށް ވުމުންނެވެ.

މި މޮޑެލްގެ ދަށުން ޕުކެޓަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަތުގައި އެންމެ މަދުވެގެން 100000 ޑޮލަރުގެ އިންޝުއަރަންސް ޕްލޭނެއްވެސް އޮންނަންޖެހެއެވެ. އެއީ ތައިލޭންޑްގައި ހޭދަކުރާ މުއްދަތަކުގައި، ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ކުރަންޖެހިދާނެ ހޭދަތަކަށް ހާއްސަ ކުރުމަށެވެ.