އިންސާނުންގެ ހަށިގަނޑަށް ތަހައްމަލު ކުރެވޭ މިންވަރަށް ވުރެ މަތީ މިންވަރަކަށް، ޕާކިސްތާނުގެ މޫސުމީ ފިނިހޫނުމިން މައްޗަށް ގޮސްފައި ވާ ކަމަށް ރެކޯޑް ކޮށްފިއެވެ.

ޕާކިސްތާނުގެ ސިންދު ޕްރޮވިންސްގެ ޖެކޯބްއާބާދަކީ ހޫނު މޫސުމުގެ ދުވަސްވަރަށް، އަބަދުވެސް އިންތިހާއަށް ހޫނު ގަދަ ސަރަހައްދެކެވެ. ނަމަވެސް މި ފަހަކަށް އައިސް އެ ސަރަހައްދަށް ހޫނު ގަދަވެފައި ވަނީ، ދުނިޔޭގެ މޫސުމީ ތާރީހުގެ ކިތާބީ މައުލޫމާތު ރައްކާ ކުރަން ފެށި ފަހުން، ފިނިހޫނު މިން ނުދާހާ މަތީ މިންވަރަކަށް ކަމަށް ހަބަރު ލިބެއެވެ.

ޖެކޯބްއާބާދުގެ ފިނިހޫނު މިން، 52 ޑިގްރީ ސެލިއަސްއާށް އަރާފައި ވާ ކަމަށް ރެކޯޑް ކޮށްފައި ވާއިރު، މިއީ އިންސާނުންގެ ހަށިގަނޑަށް ތަހައްމަލު ކުރެވޭ ވަރަށް ވުރެ ގަދަ ހޫނެކެވެ. މި ދަރަޖައަށް ހޫނު ގަދަވެފައިވާ އިތުރު ސަރަހައްދަކަށް ބަލާއިރު، އެކުވެރި އަރަބި އިމާރާތުގެ ރާސް އަލް ހައިމާއިން ވަނީ، މި ރޭންޖުގައި ފިނިހޫނު މިން ރިޕޯޓް ކޮށްފައެވެ.

ކަރަންޓް ކެނޑުމުގެ މައްސަލަތައް ކުރިމަތިވުމުގެ އިތުރުން، އެކަށީގެންވާ ގޮތެއްގައި ފިނިކުރާ ނިޒާމުތަކުގެ ހިދުމަތް ލިބެން ނެތުމުގެ ސަބަބުން، ގަދަ ހޫނުގައި ޕާކިސްތާނުގައި ދިރިއުޅެމުން އަންނަ ގިނަ ބަޔަކަށް ދަނީ ސިއްހީ މައްސަލަތަކާވެސް ކުރިމަތިވަމުންނެވެ. އެގޮތުން ހީޓް ސްޓްރޯކް ޖެހުމާއި އެނޫންވެސް، ހޫނާ ގުޅޭ ސިއްހީ މައްސަލަތައް ކުރިމަތިވެ، މަރުގެ ކޭސްތައް ރިޕޯޓް ކުރާ ކަމަށް ހަބަރު ލިބެއެވެ.

ޖެކޯބްއާބާދު އޮންނަނީ، ދުނިޔެ ބައި ކުރެވިފައި ހިޔާލި ރޮނގުތަކުން ބަލާއިރު ޓްރޮޕިކް އޮފް ކެންސާއޭ ކިއުނު ސަރަހައްދުގައެވެ. ހޫނު މޫސުމުގެ ދުވަސްވަރު، މި ސަރަހައްދުގައި އިރު ދަތުރު ކުރާނީ ސީދާ ބޯމަތިންނެވެ.

ދިރާސާތަކުން ދައްކާ ގޮތުން، ކުރިއަށް އޮތް ދުވަސްތަކަކީ ޕާކިސްތާނަށް އަދިވެސް އިތުރަށް ހޫނުގަދަވެގެންދާނެ ދުވަސްވަރެކެވެ.