ޖުލައި މަސް ފެށުނު އިރު ކޮވިޑް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަކަށް މިވަނީ ލުއިދޭން ފަށާފައެވެ. ލުއިތައް ދޭން ނިންމީ ކޭސްތައް ބޮޑުތަނުން ދަށަށް ދިއުމުންނެވެ. މި ބަދަލަކީ ގޭގައި ބަންދުވެފައި ތިބި އެތައް ބަޔަކަށް އުފާވެރި ހަބަރެކެވެ. ނަމަވެސް މަގުމައްޗަށް ނުކުތުމުގެ ހުއްދަ ލިބިގެން ދިޔަ ނަމަވެސް މާޒީގައި ކަން ހިނގާފައިވާ ގޮތުން ތަޖުރިބާ ލިބި ފަރުދީ ޒިންމާތައް އެއް ފަރާތް ކުރެވޭކަށް ނެތެވެ.

މިދިޔަ އަހަރުގެ މާޗް މަހުތެރޭ ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް ކޭސް އެއް ފެނިފައިވާ އިރު މިއަދާ ހަމައަށް މި ބަލި ރާއްޖެއިން ފެނުނުތާ މި ވަނީ 481 ދުވަސް ވެފައެވެ. ވޭތުވެ މަސްތަކާ އަޅާ ބާލައިރު މި އަހަރުގެ މެއި މަހު ފެނިގެން ދިޔައީ ކޮވިޑްގައި ރާއްޖެއަށް ބިންދާލި އެންމެ ބިޔަ ރާޅެވެ. އެ މަހު ޖުމްލަ 34،561 މީހުން ޕޮޒިޓިވް ވެފައި ވާއިރު މި ބަލީގައި 88 މީހަކު ވަނީ މަރުވެފައެވެ.

ކޭސްތައް މަތިވާން ފެށުމާއެކު ސަރުކާރަށް ޖެހުނީ ގޭތަކުގެ ދޮރުގައި ތަޅު އަޅުވާށެވެ. ބޭރަށް ނުކުތުމުގައި ވަކި ހުއްދައެއް ނެތި ނުކުމެ އުޅުން މަނާކޮށް މާލޭގެ އެތައް ހިސާބެއްގައި ގެއިން ބޭރަށް ނުކުމެ އުޅޭ މިހުން ފާސްކުރަން ފުލުހުންނާ ސިފައިން ނުކުމެ ފޯރި މަރަން ޖެހުނެވެ. އެއް މަސްދުވަހުގެ ބަންދެއްގައި ތިބެން ޖެހުމުން އެތައް ހުރަސްތަކެއް ދިމާވި ނަމަވެސް ނަތީޖާ ލިބިގެން ދިޔައީ ހިތްތަކަށް އުފާވެރި ކަން ގެނުވާހާ ފަރަގަކުންނެވެ. ޖޫން މަސް ނިންމާލި އިރު މެއި މަހާ އަޅާބަލާ އިރު ކޭސްތައް މިވަނީ 73 ޕަސެންޓް ދަށް ކުރެވިފައެވެ. އަދި ބަލީގައި މަރުވި މީހުންގެ ނިސްބަތްވެސް މިވަނީ 43 ޕަސެންޓް ދަށް ކުރެވިފައެވެ.

ކޮވިޑާ ގުޅިގެން ހަވީރު 4 އިން ފެށިގެން ކާފިއު ހިންގާފައި އޮތް ވަގުތު ފުލުހުން މަގުމަތީގައި ހަރަކާތްތެރި ވަނީ / ފޮޓޯ: އާއިޝަތު ޝާޒްލީން | ދަ ޕްރެސް

ކޮވިޑުގެ ބިޔަރާޅާ އެކު އެޅި ފިޔަވަޅުތައް ވަރަށް ވެސް ވަރުގަދައެވެ. މާލެ ސަރަހައްދުގައި 16 ގަޑިއިރުގެ ކާފިއުއެއް ހިންގަން ނިންމި އިރު ކާފިއު ނޫން ވަގުތު ތަކުގައި ވެސް ނުކުމެ އުޅުމުގައި ވަކި ހާއްސަ ގޮތަކަށް އަމަލު ކުރަން ޖެހުނެއެވެ. ކޮންމެ ގޭބިސީއަކަށް ދިނީ ދެ ޕާމިޓެވެ. އެއީ އެއްފަހަރާ ދެމީހުންނަށް ނުނިކުމެވޭ ގޮތަށެވެ. ދެ ދަނަފަޅިއަކަށް ބަހާލައިގެން ދޫކުރި ޕާމިޓަކީ ޒަރޫރީ ބޭނުންތަކަށް ނުކުމެ އުޅުމަށް ދިން ހުއްދައެވެ. މި ހުއްދަ ކޮންމެ ގޭބިސީއެއްގެ ދެމީހަކަށް ދިން އިރު ޕާމިޓް ނުލިބޭ މީހުން ބޭރަށް ނުކުންނަށް ޖެހޭ ހާލަތުގައި ފުލުހުންގެ ފަރާތުން ހާއްސަ ހުއްދައެއް ނަގަން ޖެހުނެވެ. އެއީ ދާންޖެހޭ ތަނާ ވަގުތު ބަޔާން ކުރުމުން 45 މިނެޓް ހާއިރަށް ނުކުމެ އުޅެވޭ ގޮތަށް ދޫކުރި ހުއްދައެކެވެ.

މީގެ އިތުރުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި މިސްކިތްތައް ބަންދުކުރުމާއި ސްކޫލްތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދިއުމާއި ސަރުކާރު އޮފީސްތަކުގެ މުވައްޒަފުން ވެސް ގޭގައި ތިބެ މަސައްކަތް ކުރުން ހިމެނެއެވެ. ހަމައެއާއެކު ރެސްޓޯރަންޓް ކެފޭތަކާއި، ސެލޫން އަދި ޖިމްތައް ވެސް ބަންދު ކުރެވުނެވެ. ނަމަވެސް ކެފޭ ރެސްޓޯރަންޓްތަކުން ޑެލިވަރީ އަދި ކާފިއު ނޫން ވަގުތުތަކުގައި ޓޭކްއަވޭ ހިދުމަތް ދެވޭ ގޮތް ހެދިއެވެ.

ލޮކްޑައުންއަށް ލުއި ދިނުމާއެކު ވިލިމާލެ ރެސްޓޯރެންޓްއެއްގެ މޭޒު ދިށުގައި ބަޔަކު ކޮފީ ބޮނީ / ފޮޓޯ: އަހުމަދު ލީމާން

މި ފިޔަވަޅުތަކާ އެކު އާންމުންނަށް ވެސް އަދި ވިޔަފާރިތަކަށް ވެސް އެތައް ނޭދެވޭ އަސަރެއް ކުރިއެވެ. ނަމަވެސް ކޮވިޑުން ރައްކާތެރިވުމަށް ތަޅު އަޅުވަން މަޖުބޫރު ކުރުވީ މަތިވަމުން ދިޔަ އަދަދުތަކުގެ ސަބަބުންނެވެ. ވިޔަފާރިތައް ބަނގުރޫޓު ވުމާ ހިސާބަށް ދިއުމުން ދެން ސަރުކާރުން ނިންމީ މިދިޔަ އަހަރެކޭ ވެސް އެއް ގޮތަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވަމުން އައި ގޮންޖެހުންތަކުން އަރައިގަތުމަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށެވެ. އެ ގޮތުން ސަރުކާރުން ދެ ލޯނެއް ތައާރަފްކޮށްފައި ވެއެވެ.

މެއި 26 އިން ފެށިގެން އެޅި ފިޔަވަޅުތަކަށް މީގެ ތިން ހަފްތާ ކުރިން ލުއިތައް ދޭން ވަނީ ފަށާފައެވެ. ފުރަތަމަ ކާފިއު ވަގުތު އައީ މަދު ކުރަމުންނެވެ. އަދި ފަތިހު 4 އިން 8 އާ ދެމެދު ޕާމިޓަކާ ނުލާ ނުކުމެވޭ ގޮތަށް ހުޅުވާލިއެވެ. ހަމައެއާއެކު އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ހިދުމަތްދޭ ގޮތަށް ސެލޫންތަކާއި ޖިމްތައް ހުޅުވާލުމުގެ ފުރުސަތު ވެސް ފަހިކޮށްދިނެވެ.

ކޮވިޑް ފިޔަވަޅުތަކަށް ލުއި ދިނުމާއެކު ކުޑަކުދިންނާއި ޒުވާނުން އަދި އުމުރުން ދުވަސް ވީ މީހުން ރަށުތެރެއަށް ނުކުމެ ހިތްހަމަ ޖައްސާލަނީ | ފޮޓޯ: މުހައްމަދު ހަލަފް އިލްޔާސް

މިއަދުން ފެށިގެން ދޭ ލުއިތަަކަކީ އާންމުން އެ ދުވަހެއްގެ އިންތިޒާރުގައި މަޑުކޮށްގެން ތިބި ދުވަހެކޭ ވެސް ބުނެވިދާނެއެވެ. ކެފޭ ރެސްޓޯރަންޓްތައް ހުޅުވާލުމުގެ ހުއްދަދީ ކާފިއު ނޫން ވަގުތުގައި އެތަންތަނުން އާންމުންނަށް "ޑައިން އިން" ހިދުމަތްދެވޭ ގޮތަށް މި ވަނީ ހަމަޖައްސާފައެވެ. ހަމައެއާއެކު ގައިދުރުކަމާއެކު ޖަމާއަތް ހަދައިގެން މިސްކިތުގައި ނަމާދު ކުރުމުގެ ފުރުސަތު ވެސް މިއަދު ފަތިސް ނަމާދުން ފެށިގެން ވަނީ ހުޅުވާލާފައެވެ. ރަށްރަށަށް ދަތުރު ކުރުމުގައި ފުރުސަތު އޮތީ ކޮވިޑް ޖެހި ރަނގަޅު ވާ މީހުންނަށެވެ. އެ ގޮތުން ބަލި ޖެހި ރަނގަޅު ވިތާ 60 ދުވަސް ނުވާނަަމަ ރަށްރަށަށް ދަތުރުކުރެވޭ ގޮތަށް ވަނީ ލުއި ދީފައެވެ. ނަމަވެސް ކޮވިޑް ވެކްސިން ފުރިހަމަ ކުރި މީހުންނަށް އަދި ރަށްރަށަށް ދަތުރު ކުރުމުގެ ފުރުސަތެއް ނުދެއެވެ.

ގިނަ ލުއިތަކެއް ލިބިފައި މިވަނީ ސްކޫލް ޗުއްޓީ ދުވަސްވަރާ ދިމާކޮށެވެ. ރަށްރަށަށް ދާން ބޭނުން އެތައް ބަޔަކު އެބަތިއްބެވެ. މިދިޔަ އަހަރުވެސް ކޮވިޑްގައި ބަންދެއްގައި ތިބެން ޖެހުމުން މިއަހަރުގެ ބޮޑު ޗުއްޓީގައި ރަށަށް ދާން ބޭނުންވެފައި ތިބި އެތައް ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ. ވެކްސިންގެ ބޭނުމެއް ނެތްކަމަށް ބައެއް މީހުން ބުނާއިރު އަނެއް ބަޔަކު ބުނަނީ ރަށަށް ދެވެން އޮތީ ކޮވިޑް ޖެހިގެން ކަމަށެވެ. ނަމަވެސް މިއީ ރަނގަޅު ހިޔާލެއް ނޫނެވެ.

ލޮކްޑައުންއަށް ލުއި ދިނުމާއެކު މާލެގައި މީހަކު ބައިސްކަލެއްގައި / ފޮޓޯ: އަހުމަދު ލީމާން

މަސްދުވަހު ގޭގައި ތިބެން ޖެހުމުން ފޫހި ކަމާއި މާޔޫސް ކަމާ ކުރިމަތިލާން ޖެހުނު އެންމެންނަށް މިއަދަކީ އީދެކެވެ. ކެފޭތަކަށް ގޮސް ކޮފީ ބޯލަން ބޭނުންވެފައި ތިބި އެތައް ބަޔަކު މި ދުވަހުގެ އިންތިޒާރުގައި ތިއްބާ ލިބުނު މި ފުރުސަތުގެ ބޭނުން ހިފާއިރު ފަރުދީ ޒިންމާ ހަނދާނުން ކައްސާ ލައިފި ނަމަ ކުރި މަސައްކަތް ދާނީ ފެނަށެވެ. ދިން ލުއިތަކާ އެކުގައި އުޅޭ އިރު އަދިވެސް ލުއިތައް އިތުރަށް ލިބެން އޮތީ ކޭސްތައް މައްޗަށް ނުގޮސް ހިފަހެއްޓިއްޖެ ނަމައެވެ.

ކާފިއު ނޫން ވަގުތުތަކުގައި ޕާމިޓާ ނުލާ ބޭރަށް ދެވޭ މި ލުޔާއެކު އާންމުން ވިސްނާލަން ޖެހައެވެ. ކޮންޓެކްޓް ވާ މީހުން ގިނަ ކޮށްފި ނަމަ ނުރައްކާ ވެދާނެ ކަން ހަނދާނުގައި އަބަދުވެސް ބަހައްޓަން ޖެހެއެވެ. ޕޮޒިޓިވްވެ ރަނގަޅުވެފައިވާ މީހުންނަށް ރަށަށް ދެވޭ ގޮތަށް ދިން ލުއިގެ ބޭނުން ހިފަންށޭ ކިޔައިގެން އަމިއްލަ ފުރާނަ އަދި އާއިލާ ނުރައްކަލަކަށް ހުށަހަޅަން ފުރުސަތު ދިނުމަކީ ހެދޭނެ އެންމެ ބޮޑު ގޯސް ކަމަށް ގަބޫލު ކުރަން ޖެހެއެވެ.