ރައްޔިތުން މަޖިލީހުގެ ކުރީގެ ރައީސް އަހްމަދު ޝާތިރުގެ އަނބިކަނބަލުން ޖަމީލާ އިބްރާހީމް ދީދީ އަވަހާރަ ވެއްޖެއެވެ.

އެ ކަމަނާ އަވަހާރަވެފައި ވަނީ ރޭ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ކޮވިޑަށް ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ. އެކަމަނާ އަވަހާރަވީ އިރު އުމުރުފުޅަކީ 91 އަހަރެވެ. ރޭގެ ވަގުތެއްގައި އެކަމަނާ އަވަހާރަވެފައިވާ އިރު ކަށުނަމާދު ކުރިއަށް ގެންގޮސްފައި ވަނީ ހުޅުމާލެ ސަހަރާގައި ރޭ ދަންވަރު 2:30 ހާއިރުއެވެ.

މި މަރާ އެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު މިވަނީ 211 އަށް އަރާފައެވެ. އަދި ޖޫން މަހު މި ބަލީގައި މަރުވި މީހުންގެ އަދަދު މި ވަނީ 50 އަށް އަރާފައެވެ.

ޖަމީލާ އިބްރާހީމް ދީދީއަކީ ކުރީގެ ބޮޑުވަޒީރު އެއްގަމުގޭ ސުމުއްވުލް އަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ދަރިކަނބަލެކެވެ.