އިންޑިއާގައި ހުންނަ އެމެރިކާ އެމްބަސީ ހިންގެވުމަށް، ދެކުނު އޭޝިއާ ސަރަހައްދަށް ފަރިތަ ޑިޕްލޮމެޓް، އަތޫލް ކެޝަޕްއާ ހަވާލު ކޮށްފައި ވާ ކަން އެމެރިކާއިން އިއުލާން ކޮށްފިއެވެ.

އަތޫލް ކެޝަޕް މީގެ ކުރިން ވަނީ، އެމެރިކާއިން ސްރީލަންކާއާއި ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަންވެސް ކުރައްވާފައެވެ. ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި، ރާއްޖޭގެ ސިޔާސީ މަސްރަހު އެންމެ ހަލަބޮލިވެގެން ދިޔަ ދުވަސްވަރު، ކެޝަޕް ވަނީ ރާއްޖޭގެ މަސްރަހަށް ބޮޑެތި ފާޑުވިދާޅުވުންތަކެއްވެސް އަމާޒު ކުރައްވާފައެވެ.

އެގޮތުން، ޑިމޮކްރަސީގެ ހަމަތަކާ އެއްގޮތަށް ކަންކަން ބައްޓަންކޮށް، އެ މަގަށް ރާއްޖެ ރުޖޫއަވުމަށް ކެޝަޕް ވަނީ އޭރު ގޮވާލައްވާފައެވެ. ސަފީރުގެ ހައިސައްޔަތުން ރާއްޖެއަށްވެސް ޒިޔާރަތް ކުރައްވާފައިވާ ކެޝަޕް ވަނީ، އެމެރިކާއިން ތަސައްވަރުކުރާ ރާއްޖެއަކީ އަމާން، ސުލްހަވެރި އަދި ޑިމޮކްރެޓިކް ތަނެއް ކަމަށާ، ރާއްޖެ ތަސައްވަރު ކުރެވެނީ އިންސާނީ ހައްގުތައް ކަށަވަރު ކޮށްދީ، ވަކި ފަރާތަކަށް ނުޖެހި ގާނޫނުގެ ބާރު ނަގަހައްޓައި، އެންމެންނަށް ވެސް ހަމަހަމަ ތަނެއްގެ ގޮތުގައި ކަމަށް ވިދާޅުވެފައެވެ. އަދި އެ ތަސައްވަރު ހަގީގަތަކަށް ވެއްޖެ ނަމަ، އިންޑިއާ ކަނޑާއި ޕެސިފިކް ސަރަހައްދަށް ހަމަޖެހުމާއި ރައްކާތެރިކަން އަންނާނެ ކަމަށްވެސް ކެޝަޕް އޭރު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި އެ ދުވަސްވަރު ހައްޔަރުކުރާ މީހުންގެ އިތުރުވެ ގުނާ، އަދަދު ނުކުރެވޭ ހިސާބަށް ގޮސްފައިވާ ކަމަށް ކެޝަޕް ވިދާޅުވި ވިދާޅުވުމަކީ، އޭރު ވެރިކަމުގައި އޮތް ޕީޕީއެމްއަށް މާ ފަސޭހައިން ހަޖަމް ކުރެވުނު ވާހަކަތަކެއް ނޫނެވެ. މީގެ އިތުރުން، 2017 ވަނަ އަހަރުގެ ފަހުކޮޅު، ދިވެހިރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގައި ހިނގާދިޔަ ކަންތައްތަކަކީވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ކެޝަޕް ވަނީ އޭރު ވިދާޅުވެފައެވެ.

އޭގެ ފަހުން ރާއްޖޭގެ ވެރިކަން ބަދަލުވެ، އިންޑިއާ ބަދަހި ގުޅުންތަކެއް، ތާރީހު ނުދެކޭ ދަރަޖައަކަށް ބަދަހިވެފައި ވާ މި ދަނޑިވަޅުގައި، އިންޑިއާގައި ހުންނަ އެމެރިކާ އެމްބަސީގެ ވަގުތީ އިސްވެރިޔާގެ މަގާމަށް އެމެރިކާއިން ކެޝަޕް ހަމަޖައްސަވާފައި މިވަނީ، އެމެރިކާގެ އިންޑިއާ ސަފީރު ކަމުގެ މަގާމުގައި ހުންނެވި ޑެނިއަލް ސްމިތު، ރިޓާޔާ ކުރެއްވުމާ ގުޅިގެންނެވެ.

ކެޝަޕްއަކީ މީގެ ކުރިންވެސް އިންޑިއާ އެމްބަސީގައި މަސައްކަތް ކުރައްވާފައި ވާ ޑިޕްލޮމެޓެކެވެ. މީގެ އިތުރުން، އެމެރިކާގެ ޑެޕިއުޓީ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮ ސައުޓް އޭޝިއާގެ މަގާމުވެސް ކެޝަޕް ވަނީ އަދާ ކުރައްވާފައެވެ.

އިންޑިއާގައި ހުންނަ އެމެރިކާ އެމްބަސީ ހިންގެވުން ކެޝަޕްއާ ހަވާލު ކުރެވުމަކީ، ދޭދޭ ގުޅުންތައް އިތުރަށް ބަދަހިވެ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ފަދަ ގޮންޖެހުންތަކުން އަރައިގަތުމަށް، 2 ސަރުކާރު އެކުގައި މަސައްކަތް ކުރުމަށް ފުރުސަތު ތަނަވަސް ކުރަނިވި ކަމަކަށް ވާނެ ކަމަށް، އެމެރިކާގެ ހާރިޖިއްޔާއިން ވަނީ ހާމަކޮށްފައެވެ.

އެމެރިކާގެ ސަރުކާރުން ސަފީރަކު އައްޔަން ކުރަންދެން، ވަގުތީ އިސްވެރިޔާގެ މަގުގައި ކެޝަޕް ހުންނަވާނެއެވެ. އެމެރިކާގެ އިންޑިއާ ސަފީރު ކަމަށް އިސްކުރެވޭނީ، ރައީސް ޖޯ ބައިޑަންގެ އަރިސް އެރިކް ގާސެއްޓީކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. ގާސެއްޓީއަކީ ލޮސް އެންޖަލީސް ދުށް ފުރަތަމަ ޔަހޫދީ މޭޔަރެވެ.