ދިވެހި ސަރުކާރުގެ "ގެވެށި ގުޅުން" ކެމްޕޭނަށް ޕާކިސްތާން ސަރުކާރުން ދެ މިލިއަން ރުފިޔާގެ އެހީ ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ.

އެހީގެ މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖެންޑާ މިނިސްޓާ އާއިޝަތު މުހައްމަދުއާ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކްރެޓަރީ މަލްޓިލޭޓަރަލް ޑރ. ހާލާ ހަމީދު ކަމަށާއި އަދި ޕާކިސްތާނުގެ ފަރާތުން ސޮއިކުރެއްވީ ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފަ ހުންނަވާ ސަފީރުވައިސް އެޑްމިރަލް އަތަށް މުހްތާރު ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ މިއަދު ސޮއިކުރި ޖޮއިންޓް މޮނީޓަރިން މެކޭނިޒަމްއާއެކު ޕާކިސްތާން ސަރުކާރުން "ގެވެށި ގުޅުން ކެމްޕޭން" އަށް ދޭ ރަސްމީ އެހީ ހަމަޖެހިގެންދާނެ ކަމަށެވެ.

"ގެވެށި ގުޅުން" ކެމްޕޭންއަކީ ގެވެށި އަނިޔާހުއްޓުވުމަށް ހޭލުންތެރިކަން އިތުރުކުރުމަށް ޖުލައި 2020 ގައި ޖެންޑާ މިނިސްޓްރީން އިސްނަގައިގެން ދިވެހި ސަރުކާރުން ފެށި ކެމްޕޭނެކެވެ.

ގެވެށި އަނިޔާއާ ދެކޮޅަށް މަސައްކަތްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުން ހާއްސަ އަހައްމިއްޔަތުކަމެއް ދޭ ކަމެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

ޕާކިސްތާނުން މިއަދު ދިން އެހީއާއެކު ކެމްޕޭން އިތުރަށް ފުޅާކޮށް، އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމް އިތުރަށް ހަރުދަނާކުރުމަށް މަގުފަހި ވެގެންދާނެ ކަމަށާއި އަދި މިއެހީއަކީ ޒަމާނުއްސުރެ ދިވެހިރާއްޖެއާ ޕާކިސްތާނާ ދެމެދު އޮންނަ ގާތް ބަދަހި ގުޅުމުގެ ރަމްޒެއް ކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.