ބަލިމަޑުކަން ފެތުރުން ކޮންޓްރޯލް ކުރުމަށް ލޮކްޑައުންގެ ހަރުކަށި އަމުރެއް ތަންފީޒު ކުރަން ފަށާފައިވާ އަވަށްޓެރި ބަންގްލަދޭޝްއިން، ކޮރޯނަވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހިގެން ރެކޯޑް އަދަދަކާށް މީހުން މަރުވެފައި ވާ ކަމަށް އެގައުމުން ރިޕޯޓް ކޮށްފިއެވެ.

ކޮވިޑް ޖެހިގެން ބަންގްލަދޭޝްއިން އާދީއްތަ ދުވަހު 119 މީހެއްގެ ފުރާނަ ގެއްލިފައި ވާ ކަމަށް އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ހޯމަ ދުވަހު ހާމަކޮށްފައި ވާއިރު، މިއީ ކޮވިޑް-19ގެ ބަލިމަޑުކަން ފެށުނު ފަހުން އެ ގައުމުން 1 ދުވަހާ އެންމެ ގިނަ އަދަދަކަށް މަރުގެ ކޭސް ރިޕޯޓް ކުރި ދުވަސް ކަން ފާހަގަ ކުރަންޖެހެއެވެ.

މިއާއެކު، ބަންގްލަދޭޝްގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ ޖުމުލަ އަދަދު މި ވަނީ، 14170 އަށް އަރާފައެވެ.

ބަންގްލަދޭޝްގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު އިތުރުވެފައި ވާއިރު، ކޭސް ނަންބަރު އިތުރުވުމާ ގުޅިފައި ވަނީ ޑެލްޓާ ވޭރިއަންޓް / ފޮޓޯ: ނިއުސް އޮން އެއާ

ބަންގްލަދޭޝްއިން ކޮވިޑް-19އަށް ޕޮޒިޓިވްވި ކޭސް ނަމްބަރުގެ އަދަދު އުޅެނީ 888400 އަށް ވުރެ މަތީގައެވެ.

ރެކޯޑް އަދަދުތަކުން ކޭސް އިތުރު ވަމުން ދިއުމާ ގުޅިގެން، ޖޫން 28 އިން ފަށައިގެން 7 ދުވަހުގެ މުއްދަތަށް، އެ ގައުމުން ދަނީ، ލޮކްޑައުންގެ ހަރުކަށި އަމުރު ތަންފީޒު ކުރަމުންނެވެ.

އޭޕްރިލް މަހުގެ މެދަކާ ހިސާބުން ފެށިގެން އެ ގައުމުގައި ކޮވިޑް ކޭސްތައް އިތުރު ވާން ފަށާފައި ވާއިރު، ގިނަ ކޭސްތަކަކީ އިންޑިއާއިން ފެންމަތިވި ޑެލްޓާ ވޭރިއަންޓާ ގުޅޭ ކޭސްތައް ކަމަށް ބަންގްލަދޭޝްގެ އޮފިޝަލުން ވިދާޅުވެއެވެ.

ބަންގްލަދޭޝްގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު ވަނީ ރެކޯޑް އަދަދަކަށް އިތުރު ވެފަ / ފޮޓޯ: ޑާކާ ޓްރިބިއުން

ހުކުރު ދުވަހު އެކަނިވެސް ބަންގްލަދޭޝްއިން ވަނީ 6000 އެއްހާ ކޭސް ރެކޯޑް ކޮށްފައެވެ. ކޭސްތައް އިތުރު ވަމުން ދާއިރު، ބަންގްލަދޭޝްގެ ސިއްހީ ނިޒާމަށްވެސް ވަނީ އެކަމުގެ ނޭދެވޭ އަސަރު ފޯރަން ފަށާފައެވެ. ވަކިން ހާއްސަކޮށް، އިންޑިއާއާ ހިއްސާކުރާ ބޯޑަރު ސަރަހައްދަށް ބާރު ބޮޑުވެފައި ވާ ކަމަށް ހަބަރު ލިބެއެވެ.