ކުރީގެ އޯޑިއޯން ސިނަމާ ހުރި ބިމާއި ކުރީގެ ނާދީ ހުރި ބިން ސާފުކޮށް އެ ދެ ތަން ހުޅުވާލަދޭން މާލޭ ސިޓީ ކައުންސިލުން ހައުސިންގައި އެދިއްޖެއެވެ.

މާލޭ ސިޓީ ކައުންސިލުން އިން ބުނީ އޯޑިއޯން އަދި ނާދީ ހުރި ތަނުގެ ބިން ސާފުކޮށް ކުނި ނަގައި، ހުޅުވާލަދޭން ޕްލޭނިން މިނިސްޓްރީގައި އެދިފައިވާ ކަމަށެވެ.

މީގެ އިތުރުން މާލޭ ސިޓީ ކައުންސިލުން އިން ބުނީ އެ ދެ ތަން ބަންދުކޮށް ގިނަ ދުވަސްވެ، ކުންޏާ މަދިރީގެ އުނދަގުލާއި ނޭދެވޭ އަމަލުތައް އެތަންތަނުގައި ހިންގަމުންދާ ކަމަށެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ޓާޓާ ކުންފުންޏާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން ކުރީގެ ގާކޮއްޓާއި އަރަބިއްޔާގައި ސޯޝަލް ހައުސިންގެ 280 ފްލެޓު އަޅާތީ ބަދަލެއްގެ ގޮތުން މަތީ ފެންވަރުގެ ފްލެޓް އަޅާ ވިއްކަން ޓާޓާ އަށް ދިނީ އޯޑިއޯން އާއި ނާދީ ހުރި ބިމެވެ. ނަމަވެސް މިހާތަނަށް އައިއިރު ވެސް ފްލެޓުގެ ބިންގާ އެޅުން ފިޔަވައި އިތުރު އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ.

އިމާރާތް ކުރަން ޖެހޭ ފްލެޓްތަކުގެ މަސައްކަތް، ކަނޑައަޅާފައިވާ މުއްދަތުގައި ނުފެށުމުން ދިވެހި ސަރުކާރުން އެ އެއްބަސްވުން ބާތިލް ކުރިއެވެ. އެހެންވެ، ގެއްލުމުގެ ބަދަލުގެ ގޮތުގައި 200 މިލިއަން ޑޮލަރު ހޯދަން އިންޑިއާގެ މުމްބާއީގެ އާބިޓްރޭޝަން ސެންޓަރަށް ޓާޓާ ކުންފުނިން ހުށަހެޅިއެވެ. އެކަމަކު އެ ބޮޑު ބަދަލު ދޭން ޖެހިދާނެތީ ސަރުކާރުން އަލުން އެއްބަސްވުން ހެދުމަށް ފަހު މަސައްކަތް ހަވާލުކުރިއެވެ.