ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަން މިހާރު ފެތުރެމުންދާ ގޮތަށް ބަލާ، ސްރީލަންކާއަށް ދަތުރު ކުރާ ފަރާތްތަކުން ކަރަންޓީނު ފުރިހަމަ ކުރަން ޖެހޭ އުސޫލު، އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން މުރާޖާކޮށް ބަދަލު ގެނެސްފިއެވެ.

މި މުރާޖާ ބަދަލަކީ، މިހާރުވެސް އަމަލު ކުރަމުންދާ އުސޫލުގެ އިތުރަށް ގެނައި ބަދަލެއް ކަމަށް ހަބަރު ލިބެއެވެ.

މުރާޖާކޮށް ބަދަލު ގެނެސްފައި ވާ އުސޫލަށް ބަލާއިރު އެ ގައުމަށް މިހާރު އެތެރެވާ ކޮންމެ މީހެއްގެ އަތުގައި، ކޮވިޑް-19އަށް ނެގެޓިވް ޓެސްޓެއްގެ ނަތީޖާ، އިނގިރޭސި ބަހުން ލިޔެފައި އޮންނަ ސެޓްފިކެޓެއް އޮންނަން ޖެހެއެވެ. އެތެރެވާ މީހަކީ ސްރީލަންކާ ރައްޔިތެއް ނަމަ، ދަތުރަށް ފެށުމުގެ 96 ގަޑިއިރުގެ ތެރޭގައި ހަދާފައިވާ ޕީސީއާރް ޓެސްޓެއް ނުވަތަ ދަތުރަށް ފެށުމުގެ 48 ގަޑިއިރުގެ ތެރޭގައި ހަދާފައިވާ ރެޕިޓް އެންޓިޖެން ޓެސްޓެއްގެ ނަތީޖާވެސް އޮންނަންޖެހެއެވެ.

ބޭރު ގައުމެއްގެ ޕާސްޕޯޓް އޮންނަ މީހުންނާއި، ޑުއަލް ސިޓިޒަންޝިޕް ނުވަތަ 2 ގައުމުގެ ރަށްވެހިންނަށް އޮންނަނީ، 96 ގަޑިއިރުގެ މުއްދަތު ހަމަނުވާ ނެގެޓިވް ޕީސީއާރް ޓެސްޓެއް ގެންދިއުމެވެ.

މީގެ އިތުރުން، ކަނޑައަޅާފައިވާ ވެކްސިން ޑޯޒްތައް، އުސޫލާ އެއްގޮތަށް ފުރިހަމަކޮށްފައިވާ ފަރާތްތަކުން އެކަން ބަޔާން ކުރަނިވި ރަސްމީ ސެޓްފިކެޓެއް ގެންނަން ޖެހޭ ކަމަށާ، އެ ލިޔުމަކީ އިނގިރޭސި ބަހުން އޮންނަ ލިޔުމަކަށް ވާންޖެހޭ ކަމަށާ، އިނގިރޭސިން ނެތް ވެކްސިން ކާޑެއްގެ ތަރުޖަމާ، ރަސްމީ ސިއްކައަކާއެކު ގެންނަން ޖެހޭ ކަމަށްވެސް ސްރީލަންކާއިން ވަނީ ކަނޑައަޅާފައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ސްރީލަންކާއަށް ދަތުރު ކުރާ ފަސެންޖަރުންގެ ތެރެއިން، އުމުރުން 12 އަހަރުން މަތީގެ ކޮންމެ މީހަކުވެސް، އެގައުމަށް އެތެރެވާ ފުރަތަމަ ދުވަހު، އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ކަނޑައަޅާފައިވާ ލެބޯޓްރީއަކުން ކޮވިޑަށް ޓެސްޓު ކުރަން ޖެހެއެވެ.

ސްރީލަންކާއަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް، ދޭތެރެ ދޭތެރެއިން، ސިލްސިލާ ގޮތެއްގައި ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރާ ގައުމެކެވެ. އަދި ކޮވިޑް ކޮންޓްރޯލް ކުރުމުގައި ކާމިޔާބީތަކެއްވެސް ހޯދާފައި ވާ ގައުމެކެވެ.