ކޮވިޑް-19އާ ގުޅިގެން މާލެ ހިޔާ ފުރަގަހުގައި ހިންގާ ފްލޫ ކްލިނިކްގެ ހިދުމަތްތައް ވަގުތީ ގޮތުން ހުއްޓާލަން ނިންމައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، މާޅެ ހިޔާ ފްލޫ ކްލިނިކުން ހިދުމަތް ދިނުން ވަގުތީ ގޮތުން މެދުކަނޑާލަން ނިންމާފައިވާ ކަަމަށާއި އޭގެ ބަދަލުގައި އެފްއޭއެމް ހައުސް، ފްލޫ ކްލިނިކެއްގެ ގޮތުގައި ހިންގަން ނިނަންމާފައި ވާ ކަމަށެވެ. އެގޮތުން އެފްއޭއެމް ހައުސް ހުޅުވާނީ ހެނދުނު 10:00 އިން ރޭގްނަޑު 10:00 އަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މީގެ އިތުރުން މާލެ ސަރަހައްދުގައި ކޮވިޑާ ގުޅިގެން 4 ފްލޫ ކްލިނިކެއް ހުންނާނެ ކަމަށް އެޗްޕީޢޭއިން ބުނެއެވެ. އެއީ ސެނެހިޔާ، އާއި އޭޑީކޭގައި ހިންގާ ފްލޫ ކްލިނިކާއި ހުޅުމާލެ ފްލޫ ކްލިނިކް އަދި ވިލިމާލެ ފްލޫ ކްލިނިކެވެ.

ސެނެހިޔާ ފްލޫ ކްލިނިކް ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވާ ހުރިހާ ދުވަހެއްގެ ހެނދުނު 10 އިން ރޭގަނޑު 10 އަށެވެ. އަދި ހުކުރު ދުވަހު މެންދުރު ފަހު 2 އިން ރޭގަނޑު 10 އަށެވެ. އޭޑީކޭ ފްލޫ ކްލިނިކް ހުޅުވާފައި ހުންނާނީ، ހުކުރު ދުވަސް ފިޔަވާ ހުރިހާ ދުވަހެއްގެ ހެނދުނު 9 އިން ހަވީރު 4 އަށެވެ. އަދި ހުކުރު ދުވަހު މެންދުރު ފަހު 2 އިން ހަވީރު 4 އަށެވެ.

ހަމައެއާއެކު ހުޅުމާލެ ފްލޫ ކްލިނިކް ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވާ ހުރިހާ ދުވަހެއްގެ ހެނދުނު 10 އިން އިރުއޮއްސި 6 އަށެވެ. އަދި ހުކުރު ދުވަހު މެންދުރު ފަހު 2 އިން ރޭގަނޑު 8 އަށެވެ. ވިލިމާލެ ފްލޫ ކްލިނިކް ހުޅުވާފައި ހުންނާނީ، ހުކުރު ދުވަސް ފިޔަވާ ހުރިހާ ދުވަހެއްގެ ހެނދުނު 9 އިން މެންދުރު 1:30 އަށެވެ.

ކޮވިޑްގެ މިހާލަތުގައި މާލެ ސަރަހައްދުގައި ބޭރަށް ނުކުމެ އުޅޭން ޖެހެނީ ހުއްދައަކާ އެކުގައި ކަމަށް ވީއިރު، ފްލޫ ކްލިނިކަށް ދާ އިރު ޕޮލިސް ޕާމިޓް ނަގަން ޖެހޭނެއެވެ. އަދި ޕޮލިސް ޕާމިޓް ނަގާއިރު ކެތަގަރީއަކަށް "މެޑިކަލް" ހިޔާރު ކުރުމަށާއި ސަބަބެއް ކަމަށް "ފްލޫ ކްލިނިކަށް" ދިއުމަށް މިހެން ޖެހުމަށް އެޗްޕީއޭއިން ބުނެއެވެ.