ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ހޯމަ ދުވަހުން ފަށައިގެން ލޮކްޑައުންގެ ހަރުކަށި އަމުރު ތަންފީޒު ކުރުމަށް އަވަށްޓެރި ބަންގްލަދޭޝްއިން ނިންމާފައި ވާއިރު، ލޮކްޑައުންގެ ކުރިން ވެރިރަށް ޑާކާ ދޫކޮށް، އަމިއްލަ ވަޒަނަށް ދިއުމަށް، ގިނަ އަދަދެއްގެ ބަޔަކު ނިކުމެ، ޑާކާގެ ފެރީ ޓާމިލަންތައް ފުރާލައިފިއެވެ.

މާދަމައިން ފަށައިގެން 7 ދުވަހުގެ މުއްދަތަށް ބަންގްލަދޭޝްގައި ހަރުކަށި ލޮކްޑައުންގެ އަމުރެއް ތަންފީޒު ކުރާއިރު، ގެއިން ބޭރަށް ނިކުމެ އުޅުމުގެ ހުއްދައެއް އެއްވެސް މީހަކަށް ނޯންނާނެ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އިންތިހާ ޒަރޫރީ ކަމެއްގައި ބޭރަށް ދެވިދާނެ ކަމަށްވެއެވެ.

ނަތީޖާއެއްގެ ގޮތުން، ޑާކާގައި ތިބި އެހެން ސަރަހައްދުތަކުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެމީހުންގެ އަމިއްލަ އަވަށަށް ނުވަތަ ރަށަށް ދިއުމަށް ދަތުރު ފަށާފައެވެ.

ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮވިޑް-19ގެ އިތުރު ރާޅެއް، ބަންގްލަދޭޝްއަށް ބިންދަން ފެށީ މީގެ 6 ވަރަކަށް ހަފުތާ ކުރިންނެވެ. މެއި 15، 2021 ވަނަ ދުވަހު ބަންގްލަދޭޝްއިން ކޮވިޑް-19ގެ 261 އާ ކޭހާއި 22 މަރުގެ ކޭސް ރެކޯޑް ކުރިއިރު، ހުކުރު ދުވަހު އާ ކޭހުގެ ގޮތުގައި 5869 ކޭސް އަދި 108 މަރުގެ ކޭސް ރެކޯޑް ކުރިއެވެ.

ގިނަ އަދަދަކަށް ޑޮކްޓަރުންވެސް ތިބި ބަންގްލަދޭޝްގެ ހޮސްޕިޓަލުތަކަށް ވެސް ވަނީ ބާރު ބޮޑުވެފައެވެ. ވަކިން ހާއްސަކޮށް، އިންޑިއާ ބޯޑަރު ސަރަހައްދުގައި ހުންނަ ހޮސްޕިޓަލުތަކަށް ބާރު ބޮޑުވެފައި ވާ ކަމަށް ހަބަރު ލިބެއެވެ.

ބަންގްލަދޭޝްގައި ރެކޯޑް އަދަދުތަކުން ކޭސް އިތުރު ވަމުން އަންނައިރު، އެމާޖެންސީ ހާލަތުގެ ބޭނުމަށް ކުރާ ދަތުރުތައް މެނުވީ، ރޭލާއި ބަހުގެ އެހެން ހުރިހާ ދަތުރުތަކެއް ވަނީ ހުއްޓާލާފައެވެ. އެހެން ކަމުން، މައި ސިޓީ ދޫކޮށް، އެހެން ސަރަހައްދުތަކަށް ބަދަލުވާ މީހުން ބަރޯސާ ވާން ޖެހިފައި ވަނީ ޕްރައިވެޓް ހަޔާ އުސޫލުން ދުއްވާ އުޅަނދު ފަހަރަށެވެ. ނުވަތަ ފައި މަގުގައި ދިގު ރާސްތާތައް ކަޑަތު ކުރުމަށެވެ.

ލޮކްޑައުންގެ ހަރުކަށި އަމުރު ތަންފީޒު ކުރާއިރު، ސަރުކާރު އޮފީސްތަކާ، ސަރުކާރު ހިއްސާވާ އޮފީސްތަކުގެ އިތުރުން ޕްރައިވެޓް އޮފީސްތައްވެސް ބަންދުވާނެ ކަމަށް، ބަންގްލަދޭޝްގެ ޕްރެސް އިންފޮމޭޝަން ޑިޕާޓްމަންޓް (ޕީއައިޑީ) އިން ހަބަރު ދެއެވެ.

ބަންގްލަދޭޝް ހެލްތު ޑިޕާޓްމަންޓްގެ ތަރުޖަމާނު ރުބިދު އަމީން ވިދާޅުވީ، ލޮކްޑައުންއަށް ކިޔަމަންތެރިވާ މިންވަރު ކަށަވަރު ކުރުމަށް ފުލުހުންނާއި ބޯޑާ ގާޑުން ފޯރިމަރަމުން ދާނެ ކަމަށާ، ނެރެން ޖެހިއްޖެ ހާލެއްގައި، އަސްކަރިއްޔާވެސް ނެރޭނެ ކަމަށެވެ.

ހާލަތު އޮތީ ނުރައްކާ ފައްތަރެއްގައި ކަމަށާ، މިހާރުން މިހާރަށް މިކަމަށް އިޖާބަ ނުދީފިނަމަ، އިންޑިއާއަށް ކުރިމަތިލާން ޖެހުނު ފަދަ ކަމަކާ ބަންގްލަދޭޝްއަށްވެސް ކުރިމަތިލާން ޖެހިދާނެ ކަމަށް، އަމީން ވަނީ އިންޒާރު ކުރައްވާފައެވެ.