ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހިދުމަތް ދޭ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.
ބީއެމްއެލް އިން ބުނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ އުސޫލޫތަކާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކޮށްފައިވާ އިއުލާނާ އެއްގޮތްވާ ގޮތުގެ މަތިން ހިިދުމަތް ދިނުމަށްޓަކާ މާދަމާއިން ފެށިގެން ޖުލައި 1، 2021 އާ ހަމަޔަށް ބޭންކުގެ މަސައްކަތު ގަޑިތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
އެގޮތުން ބޭންކުގެ ހުރިހާ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް މި މުއްދަތުގައި ބަންދުވާނެ ކަމަށާއި ނަމަވެސް ކާޑު ދޫކުރުމަށް ކަަސްޓަމާ ސާވިސް ސެންޓަރު ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
އެ ގޮތުން އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 2:00 އާ ހަމައަށް ކާޑު ދޫކުރަމުގެ ހިދުމަތްދެމުންދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ. އަދި ކާޑު ދޫކުރުމަށް ހުޅުމާލެ ބްރާންޗްވެސް ހޯމަ، އަންގާރަ އަދު ބުރާސްފަތި ދުވަހު ހެނދުނު 10:00 އިން ފެށިގެން 2:00 އަށް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
ބީއެމްއެލް އިން ބުނީ ކަސްޓަމަރުންނަށް (ހުއްދަ ލިބިފައިވާ ފަރާތްތަކަށް) އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ.
އެ ގޮތުން އާންމު ފަރުދުންގެ އެކައުންޓަކަށް 100،000 ރުފިޔާ އަދި ވިޔަފާރި އެކައުންޓަކަށް 500،000 ރުފިޔާ ޖަމާކުރެވޭނެ ކަމަށް ބިއެމްއެލް އިން ބުނެއެވެ.
އޭގެ އިތުރުން ކަސްޓަމަރުންނަށް ހިދުމަތް މެދުނުކެނޑި ހިދުމަތް ދިނުމުގެ ގޮތުން ހަފްތާ ދުވަސްތަކުގައި ( ހުކުރު، ހޮނިހިރު ނުހިމަނާ) އަސާސީ ބޭންކިން ހިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބީއެމްއެލް އިން ވަނީ ބުނެފައެވެ.
އޭގެ ތެރޭގައި ރާއްޖޭން ބޭރަށް ފައިސާ ފޮނުވުން، އީމެއިލް މެދުވެރިކޮށް ޕޭރޯލް ހިދުމަތްދިނުމުގެ އިތުރުން އޭޓީއެމް އަށް ޖަމާކުރާ ބީއެމްއެލް ޗެކް ޕްރޮސެސް ކުރުން ހިމެނޭ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
ބީއެމްއެލް އިން ބުނީ އެމްއެމްއޭ ހުޅުވާފަ ހުންނަ ދުވަސްތައްކަމަށްވާ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ލޯކަލް ބޭންކް ޓްރާންސްފާގެ ހިދުމަތާއި (އޭސީއެޗް އަދި އާރްޓީޖީއެސް) އެހެން ބޭންކުތަކުގެ ޗެކް ޕޮރެސެސްކުރުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ.