އެމްޑިޕީއަށް 16 އަހަރު ފުރުމުގެ ގޮތުން ރޭ ށ. ފޯކައިދޫގައި ބޭއްވި ޖާފަތެއްގައި 4 މީހަކު ކާނާ ވިހަވެ އެކަކުގެ ހާލު ސީރިއަސްވެއްޖެއެވެ.

ފޯކައިދޫގެ ކައުންސިލް ނައިބުރައީސް މުހައްމަދު ސަލީމް "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރޭ އެމްޑިޕީން ބޭއްވި ޖާފަތެއްގައި 4 މީހަކު ކާނާ ވިހަވެފައިވާ ކަމަށާ، އެކަކުގެ ހާލު ސީރިއަސްވެގެން ކުޅުދުއްފުއްޓަށް ގެންގޮސްފައިވާ ކަމަށެވެ. އޭގެތެރެއިން 2 މީހަކަށް ފަރުވާދީ ރޭ މަރުކަޒުން ދޫކޮށްލާފައިވާ ކަމަށާ އެރަށުގައި އަދިވެސް އެކަކަށް ފަރުވާދެމުން އަންނަ ކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ކުޅުދުއްފުށީ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން އަންނަ މީހާގެ ހާލުވެސް މިހާރު ރަނގަޅުވަމުން އަންނަ ކަމަށާ އަދި ރަށުގައި ފަރުވާދެމުން އަންނަ މީހާގެ ވެސް ހާލު ރަނގަޅު ކަމަށެވެ.

ކާނާ ވިހަވެފައިވަނީ ކަނޑުމަސް ފްރިޖް ކުރުމުގައި ދިމާވި މައްސަލައަކުން ކަމަށް ސަލީމް މައުލޫމާތު ދެއްވައެވެ.

އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޖާފަތުގައި ކަނޑުމަހުގެ ބައެއް ފްރިޖް ކުރުމުގައި ދިމާވި މައްސަލައެއްކަމަށް ލަފާކުރެވެނީ. ޖުމުލަކޮށް ހުރިހާ އެއްޗެއް ނޫން ވަރަށް މަދު އަދަދެއް.
މުހައްމަދު ސަލީމް

އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން ހަރަކާތްތައް ފެށުމުގެ ގޮތުން މިއަދު ހެނދުނު ވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތެއް އޮންލައިންކޮށް ކުރިޔަށް ގެންގޮސްފައެވެ. ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އިލެކްޝަން ކޮމިޝަނުގައި ރަޖިސްޓްރީ ކޮށްފައިވާނީ ޖޫން 26، 2005 ގައެވެ. އެ ޕާޓީގެ ރަޖިސްޓްރީގައި ޖުމުލަ 53،044 މީހުން ރަޖިސްޓްރީވެފައިވާއިރު އެމްޑީޕީއަކީ ރާައްޖޭގައި އުފެދުނު އެންމެ ފުރަތަމަ ސިޔާސީ ޕާޓީއެވެ.