ހއ. ދިއްދޫގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީއަކު ކަރަންޓިންގައި ހުއްޓާ ކުއްލި ގޮތަކަށް މަރުވެ، އޭނާ ކޮވިޑަށް ޕޮޒިޓިވްވެފައި ވާތީ، އޭނާގެ ކޮންޓެކްޓުން ދެނެގަންނަން މަސައްކަތް ފަށައިފިއެވެ.

މަރުވެފައި ވަނީ އުމުރުން 51 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. އެއީ އެ ރަށުގައި މަސައްކަތް ކުރަން ގޮސް ހުރި ބިދޭސީއެކެވެ.

ހއ. އަތޮޅު ހޮސްޕިޓަލުން ބުނީ، މިއަދު ކުއްލި ގޮތަކަށް މަރުވި ބަންގުލަދޭޝް މީހާ ކޮވިޑް ބައްޔަ ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެހެންކަމުން މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ދިއްދޫގައި ހިންގާ "އެކުވެރި ޓެއިލާސް" ފަހާތަނަށް ދިޔަ މީހުން ކޮންޓެކްޓް ޓްރޭސިންއަށް ގުޅައި މަޢުލޫމާތު ހިއްސާކުރަން އެދޭ ކަމަށް އެ ހޮސްޕިޓަލުން ބުނެފައި ވެއެވެ.

އޭނާ މަރުވި އިރު ހުރީ ކޮވިޑްގެ ޕޮޒިޓިވް މީހަކާ ކޮންޓެކްޓް ވުމުގެ ސަބަބުން ކަރަންޓީން ގައެވެ. ރޭ ވަރަށް ބޮޑަށް ހުން ގަދަވެ އޭނާގެ ހާލަތު ގޯސްވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި އޭނާ މަރުވެފައި ވަނީ މިއަދު މެންދުރެވެ.

މިއީ ރާއްޖެއިން މަރުވި 209 ވަނަ މީހާއެވެ. މީގެ ކުރިން ދިއްދޫން ކޮވިޑް ޖެހިގެން 2 މީހަކު ވަނީ މަރުވެފައެވެ.