އެމެރިކާއިން އަފްގާނިސްތާނުގައި ކުރަމުން ދިޔަ ދިގު ހަނގުރާމާގައި، އެމެރިކާއަށް އެހީތެރިކަން ފޯރުކޮށްދިން އަފްގާނިސްތާނުގެ ރައްޔިތުން، ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމަށް، ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ތައްޔާރު ވަމުން އަންނަ ކަމަށް، އެމެރިކާގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ.

ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން، ހުދު ބައިޑަންވެސް ވަނީ، އެމެރިކާއަށް އެހީތެރިކަން ފޯރުކޮށްދިން މީހުން ދޫކޮށް ނުލައްވާނެ ކަމަށް ވިދާޅުވެފައެވެ. ބައިޑަން އިތުރަށް ވިދާޅުވީ، އަމިއްލަ ނަފުސު ނުރައްކަލަށް ލައިގެން އެމެރިކާއަށް އެހީތެރިކަން ފޯރުކޮށްދިން ކޮންމެ މީހަކަށް އެ ގައުމުން މަރުހަބާ ކިޔާ މޭރުމުން، އަފްގާނިސްތާނުގެ ތަރުޖަމާނުންނަށް ވެސް އެމެރިކާއިން މަރުހަބާ ކިއާނެ ކަމަށެވެ.

އަފްގާނިސްތާނުގައި އަސްކަރީ ބާރުތަކަކުން ވަރުގަދަ އޮޕަރޭޝަނެއް ކުރިއަށް ގެންދަނީ/ފައިލް ފޮޓޯ: އޭއެންއައި

އެމެރިކާ ސިފައިން އަފްގާނިސްތާނުން ފައިބަމުން ދާ މިދަނޑިވަޅުގައި އަފްގާނިސްތާނުގެ ސަލާމަތީ މަސްރަހު ނުތަނަވަސް ވެފައި ވާއިރު، އަފްގާނިސްތާނުގެ ރައީސް އަޝްރަފު ގަނީއާއި، ނޭޝަނަލް ކައުންސިލްގެ ޗެއާމަން އަބްދުﷲ އަބްދުﷲ އާ މިރޭގެ ވަގުތެއްގައި، ބައިޑަން ބައްދަލު ކުރައްވާނެ ކަމަށް ބެލެވެއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްގެންދަވާނީ ވައިޓްހައުސްގައި ކަމަށް ހަބަރު ލިބެއެވެ.

އެމެރިކާގެ ދިފާއީ ވުޒާރާ، ޕެންޓަގަންގެ ތަރުޖަމާނު ޖޯން ކާބީ ވިދާޅުވީ، ތަރުޖަމާނުންގެ ގޮތުގައި އެމެރިކާއަށް އެއްބާރުލުން ދިން އަފްގާނިސްތާނުގެ ގިނަ އަދަދެއްގެ ރައްޔިތުންނާ އެމީހުންގެ އާއިލާތައް، ވައިގެ މަގުން އެމެރިކާއަށް ގެންގޮސް، ދިރިއުޅުމުގެ ކަންކަން ހަމަޖައްސާ ދިނުމުގެ އިންތިޒާމުތައް މިހާރު ރާވަމުން އަންނަ ކަމަށެވެ. ނަމަވެސް، އަފްގާނިސްތާނުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަނީ ކިތަށް މީހުންނަށް ކަމެއް، ކާބީ ހާމަ ކުރައްވާފައެއް ނުވެއެވެ.

ހަނގުރާމައިގެ ތެރޭގައި ތަރުޖަމާނުންނާ، ޑްރައިވަރުން އަދި ކާތިބުންގެ ގޮތުގައި އެމެރިކާއަށް އެހީތެރިކަން ފޯރުކޮށްދިން މީހުންގެ ތެރެއިން، 18000 އެއްހާ މީހުން، އެމެރިކާއަށް އެތެރެވުމުގެ ވިސާއަށް އެދިހުށަހަޅާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. އެމީހުންގެ އާއިލާ މެންބަރުންގެ އަދަދުތައް އެއްކޮށްލުމުން، ޖުމުލަ އަދަދު، 70000 އަށް އަރާނެ ކަމަށް ބެލެވެއެވެ.

އަފްޣާނިސްތާނާ ޕާކިސްތާނު ހިއްސާކުރާ ސަރަހައްދީ އިން ކައިރީގައި އަފްޣާނިސްތާނުގެ ސަލާމަތީ ބާރުން ފޯރިމަރަނީ/ފޮޓޯ: ރޮއިޓާޒް

އަފްގާނިސްތާނުގެ ސަރުކާރަށް އެއްބާރުލުން ދޭ ސަލާމަތީ ބާރުތަކާ ވާދަކޮށް، އެ ގައުމުގެ އެކި ސަރަހައްދުތަކުގެ ކޮންޓްރޯލް ނަގަމުން އަންނަ، ހަތިޔާރު އެޅި ހަނގުރާމަވެރި ތޯލިބާން ޖަމާއަތުން ވަނީ، ބޭރުގެ ފައުޖުތަކަށް އެއްބާރުލުން ދިން އަފްގާނިސްތާނުގެ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނެފައެވެ. ނަމަވެސް އެއީ، އެމީހުންގެ އަމަލުތަކާ މެދު ހިތާމަ ކުރާ ކަން ސާބިތުކޮށް ދީ، ގައުމު ދޫކޮށް ނުތާ މަތިން އެކަނި ކަމަށްވެސް ތޯލިބާނު ޖަމާއަތުން ވަނީ ޝަރުތު ކޮށްފައެވެ.

2001 ވަނަ އަހަރު، އެމެރިކާ ސިފައިން އަފްގާނިސްތާނަށް އެރީ، ހަތިޔާރުއެޅި ހަނގުރާމަވެރި ޓެރަރިސްޓް އަލް-ގައިދާ ޖަމާއަތުން، އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރާ، ޕެންޓަގަން އިމާރަތަށް ދިން ހަމަލާތަކާ ގުޅިގެންނެވެ. އެތަށް އަހަރަކަށް ދިގުލާ ދިޔަ ހަނގުރާމާގައި އެއްވެސް ބަޔަކަށް ފުރިހަމަ ކާމިޔާބެއް ލިބިފައި ނުވާއިރު، މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް، އެމެރިކާގެ ފައުޖުތައް، އަފްގާނިސްތާނުން ބާލާ ނިންމަން ވަނީ ސުންގަޑި ކަނޑައަޅާފައެވެ.