ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިން ޖެހުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 185،671 މީހަކު ދެ ޑޯޒް ފުރިހަމަ ކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން ހާމަ ކުރި ވެކްސިންގެ މައުލޫމާތަށް ބަލާއިރު މިހާތަނަށް ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 315،822 މީހުންނެވެ. އޭގެތެރެއިން 185،671 މީހުން ވަނީ ދެ ޑޯޒް ފުރިހަމަ ކޮށްފައެވެ. މިއާ އެކު މިހާތަނަށް ކޮވިޑް ވެކްސިން ޖެހި މީހުންގެ ތެރެއިން 58.79 ޕަސެންޓް މީހުން ވަނީ 2 ޑޯޒް ފުރިހަމަ ކޮށްފައެވެ.

މިދިޔަ ބުދަ ދުވަހު ކޮވިޑް ވެކްސިން ޖުމްލަ 1008 މީހަކަށް ޖަހާފައި ވާއިރު، އޭގެ ތެރެއިން 202 މީހަކަށް ވަނީ ކޮވިޑް ވެކްސިންގެ އެއްވަނަ ޑޯޒް ޖަހާފައެވެ. އެއީ މާލެ ސަަހައްދުން 77 މިހަކާއި އަތޮޅުތެރެއިން 125 މީހެކެވެ. އެ ދުވަހު ދެވަނަ ޑޯޒް ޖެހި މީހުންނަށް ބަލާއިރު ޖުމްލަ 806 މީހަކު ވަނީ ވެކްސިން ޖަހާފައެވެ. އެއީ މާލެ ސަރަހައްދުން 285 މީހަކާއި އަތޮޅު ތެރެއިން 522 މީހެކެވެ.

ވެކްސިން ޖެހި މީހުންގެ ތެރެއިން ގިނަ ބަޔަކު ވެކްސިން ފުރިހަމަ ނުކޮށް ތިބެން ޖެހިފައި ވަނީ ރާއްޖެއަށް ގެނައި ކޮވިޑް ވެކްސިންގެ ސްޓޮކް ހުސްވުމުންނެވެ. ނަމަވެސް ސިންގަޕޫރްގެ އެސްޓްރާޒެނެކާ ކުންފުނިން ގަންނަން މަސައްކަތް ކުރާ 500،000 ޑޯޒްގެ ކޮވިޑް ވެކްސިން އަންނަ މަހު ލިބޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި ސަރުކާރުން އިއްޔެ ވަނީ އެސްޓްރާޒެނެކާ ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ދީފައެވެ. މިއާ އެކު މިހާރު ރާއްޖޭގައި ކޮވިޑުން ރައްކާތެރިވުމަށް 7 ވެކްސިނެއް ބޭނުން ކުރަން ވަނީ ހުއްދަ ދީފައެވެ.

ކޮވިޝީލްޑް ވެކްސިން ޖަހާފައި ތިބި މީހުންނަށް އެސްޓަރަޒެނެކާ ޖެހޭނެއެވެ. އެއީ ދެ އިންސްޓިޓިއުޓެއްގައި އުފެއްދި ކަމުގައި ވިޔަސް އެއް ވެކްސިނެކެވެ. އަންނަ މަހު އެސްޓްރާޒެނެކާ ވެކްސިން ލިބޭނެ ކަމަށް ބުނާއިރު، ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް 6 މަސް ތެރޭ ދެވަނަ ޑޯޒް ޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.