2019 ވަނަ އަހަރު ރާއްޖޭގެ އިގްތިސޯދު އޮތް ހާލަތަށް ބަދަލު ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 ގެ މި ދަތި ހާލަތުން އަރައިގަތުމަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ސްޓިމިއުލަސް ލޯނު ޕެކޭޖު ތައާރަފު ކުރި ހަފްލާގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ، އެ ލޯންތަކުގެ ބޭނުމަކީ ރާއްޖޭގެ އިގްތިސޯދު އަލުން އިޔާދަ ކުރުމަށް ބާރު އެޅުން ކަމަށެވެ. 2019 ގައި އިގްތިސޯދު އޮތް ހާލަތަށް ރުޖޫއަ ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށާއި މި އަހަރު ނިމެންވާ އިރު އެ މަގްސަދު ހާސިލް ކުރެވޭނެ ކަަމަށް އޭނާ ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ރާއްޖޭގެ އިގްތިސޯދީ ދުވެލި މިހާރު އޮތް ހާލަތަށް ބަލައި މި އަހަރު ނިމޭއިރު އިގްތިސޯދު 18 ޕަސެންޓު ކުރިއަރާނެ ކަމަށެވެ. އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ވެސް ލަފާ ކޮށްފައިވާ ގޮތުގައި މި އަހަރު ނިމޭއިރު ރާއްޖޭގެ އިގްތިސޯދު 18 ޕަސެންޓު ކުރިއަރާނެ އެވެ.

"ކޮވިޑް-19 ރިކަވަރީ އިކޮނޮމިކް ސްޓިމިއުލަސް ސްކީމް"ގެ ދަށުން ވިޔަފާރިތަކަށް ހާއްސަކޮށް 2 ލޯނެއް ސަރުކާރުން ވަނީ ތައާރަފް ކޮށްފައެވެ. އެއީ އިކޮނޮމިކް ސްޓިމިއުލަސް ލޯނާއި، އިކޮނޮމިކް ސަސްޓެއިނަބަލް ލޯނެވެ. އިކޮނޮމިކް ސްޓިމިއުލަސް ލޯން ވަނީ މި މަހު މެދުތެރޭ ތައާރަފް ކޮށްފައެވެ. އަދި އިއްޔެ ވަނީ އިކޮނޮމިކް ސަސްޓެއިނަބަލް ލޯން ތައާރަފް ކޮށްފައެވެ.

މި ލޯނުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، މި ލޯނުގެ ދަށުން 375 މިލިއަން ރުފިޔާގެ ލޯނު ދޫކުރާނެ ކަމަށެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް ނުދެކޭ ފަދަ އިންޓްރެސްޓް ރޭޓު ވެސް ކުޑަ ގްރޭސް ޕީރިއަޑް ވެސް ބޮޑު ލުއި ލޯނެއްގެ ގޮތުގައި މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ. މި ލޯނުގެ ސަބަބުން މި ދަނޑިވަޅުގައި ވިޔަފާރިތަކަށް ވަރަށް ބޮޑަށް ފައިދާ ކުރާނެ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

ކޮވިޑް-19އާ ގުޅިގެން މިދިޔަ އަހަރު ރާއްޖޭގެ އިގްތިސޯދަށް ވަނީ ވަރަށް ބޮޑު އަސަރެއް ކޮށްފައެވެ. އިގްތިސޯދު 34 ޕަސެންޓު ދަށްވެފައި ވާއިރު ލަފާކުރި އާމްދަނީ ވެސް ވަނީ 15 ބިލިއަން ރުފިޔާއަށް ދަށް ވެފައެވެ.