ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރަން ބޭނުންވާ ބިމާ ބެހޭގޮތުން ނިންމި ގޮތެއް ހަނިމާދޫ ކައުންސިލަކުން ހާމައެއް ނުކުރިއެވެ. ހަނިމާދޫގައި ވަކި ބަޔަކު އިސްނަގައިގެން ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށް ހަނިމާދޫ ކައުންސިލުން ބުނެފިއެވެ.

އެއާޕޯޓަށް ބިންދިނުމާމެދު ގޮތެއް ނިންމުމަށް ހަނިމާދޫ ކައުންސިލުން މިއަދު ވަނީ ޖަލްސާއެއް ބާއްވާފައެވެ. އެ ޖަލްސާގައި ނިންމާފައިވާ ގޮތެއް ކައުންސިލުން ހާމައެއް ނުކުރެއެވެ.

ކައުންސިލްގެ ނައިބުރައީސް ފިރާގް މުހައްމަދާ ސުވަލު ކުރުމުން ނޫސްތަކުން ފިތުނަ އުފެދޭގޮތަށް ހަބަރު ފަތުރާ ކަމަށް ވިދާޅުވެ ކައުންސިލުން ނިންމި ގޮތް ހާމައެއް ނުކުރެއްވިއެވެ. އަދި އެކައުންސިލުން ހާމަކުރަން ބޭނުންވާ މައުލޫމާތު އެ ކައުންސިލްގެ ފޭސްބުކް ޕޭޖުގައި ހާމަކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިކަމާ ގުޅިގެން ކައުންސިލްގެ ރައީސަށް ގުޅުމުން އޭނާ ހުންނެވީ ކަރަންޓީނުގައި ކަމަށާއި އެކްމާ ގުޅޭ އެއްވެސް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ.

ކައުންސިލުން ދާދި ދެންމެއަކު ނެރުނު ބަޔާނެއްގައި ވަނީ އެ ކައުންސިލަށް އެނގިފައިނުވާ މައުލޫމާތު އަމިއްލަ ފަރާތްތަކުން ހަގީގަތާ ހިލާފަށް ފަތުރަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެ ބަޔާނުގައި ވަނީ އެއާޕޯޓަށް ދޭން ނިންމާފައިވާ ބިމަކީ ބޮޑު ބިމެއް ކަމަށް ފާހަގަކުރެވޭ ކަމަށާ، އެކަމުގައި ރައްޔިތުންނާ ކައުންސިލްގެ ހުރި ކަންބޮޑުވުންތައް ހައުސިން މިނިސްޓްރީއަށް ސިޓީއަކުން ހިއްސާކުރިމަށެވެ. އަދި އެ ސިޓީގެ ޖަވާބުގައި ހައުސިން މިނިސްޓްރީން ބުނެފައިވަނީ އެ ބިމަކީ އެއާޕޯޓުގެ މަޝްރޫއަށް ވަރަށް މުހިންމު ބިމެއް ކަމަށެވެ.

އަދި އެވަރުގެ ބޮޑު ބިމެއް ބޭނުންވޭތޯ ހައުސިން މިނިސްޓްރީއާ ސުވާލު ކުރުމުން 853،937 އަކަފޫޓުގެ ބިމަކީ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަށް ވަރަށް މުހިންމު ބިމެއް ކަމަށް ކައުންސިލަށް އަންގާފައިވާ ކަމަށެވެ. މިގޮތަށް ހައުސިން މިނިސްޓްރީއިން އެންގުމުންވެސް އެވަރުގެ ބޮޑު ބިމެއް ދިނުމާމެދު ކައުންސިލުން ކަންބޮޑުވާކަމަށް ހައުސިން މިނިސްޓްރީއަށް އަންގާފައިވާކަމަށް ހަނިމާދޫ ކައުންސިލުން މިއަދު ނެރުނު ބަޔާނުގައި ވެއެވެ.

ހަނިމާދޫ ކައުންސިލުން ބުނީ އެވަރުގެ ބޮޑު ބިމެއް ނުދީ ނުވަތަ މިނިސްޓްރީން އެދޭ ބިން ވީހާވެސް ކުޑަކޮށް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަށް ދިނުމާމެދު މިނިސްޓްރީއާ ވާހަކަދައްކުން ދާ ކަމަށެވެ. ނަމަވެސް މި ބިމަށް ވަކި ގޮތެއް ނުނިންމަނީސް ކައުންސިލުން ވަކިގޮތެއް ނިންމާފައި ވާކަމަށް ބައެއް ފަރްތްތަކުން ތުހުމަތު ކުރަމުން އަންނަ ކަމަށް ކައުންސިލުން ބުނެއެވެ.

މިނިސްޓްރީން ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމަށް ހަނިމާދޫ ކައުންސިލާ މަޝްވަރާކުރަމުންދިޔަ ބިމުގެ ތަފްސީލު

ކައުންސިލް ބަދުނާމުވާ ގޮތައް ކައުންސިލަރުންގެ ފޮޓޯ ބޭނުންކޮށްގެން ހަގީގަތާ ހިލާފު ވާހަކަ ދެއްކުން ނުވަތަ ފޮޓޯ ސޯޝަލްމީޑިއާގައި ހާމަނުކުރުމަށް ކައުންސިލުން އެދެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންގެ ތެރޭގައި ފިތުނަ ފަސާދަ އުފެދިގެން ދާކަމަށާ އެއީ ކައުންސިލުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށްވެސް އެ ކައުންސިލުން ފާހަގަކޮށްފައި ވެއެވެ.

އަދި ބައެއް ނޫސްތަކުންވެސް ފިތުނަ އުފެދޭ ގޮތައް ދޮގު މައުލޫމާތު ފަތުރަމުން ދާކަމަށާ، ބައެއް ނޫސްތަކުގައި މިހާރުވެސް 400،000 އަކަފޫޓު އެއާޕޯޓް ތަރައްގީކުރުމަށް ދީފައިވާކަމަށް ރިޕޯޓުކޮށްފައި ވާކަމަށް ކައުންސިލުން ބުނެއެވެ. މިފަދަ ނޫސްތަކަށް ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރާނެކަމަށްވެސް ހަނިމާދޫ ކައުންސިލުން ބުނެއެވެ.