ވެމްކޯ ޔުނީފޯމް ލައިގެން ހުރި މީހަކު ފިހާރައަކުން ވައްކަން ކުރާ ވީޑިއޯއެއް އާންމު ވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި ވެމްކޯ ޔުނީފޯމް ލައިގެން ހުރި އެމީހާ ފިހާރަތެރޭގައި ހުރެ އިރުކޮޅަކާ އެއްޗެހި ވަސްބަލާ ކަމަށް ހަދާ، އަވަހަށް އެއްޗެހި ފޮރުވާ މަންޒަރު ފެނެއެވެ.

އެމީހާ ވައްކަން ކޮށްފައި ވަނީ ހުޅުމާލޭގައި ހުންނަ "ޕެޕާ އޯކް" ނަމަކަށް ކިޔާ ފިހާރައަކުންނެވެ.

އެވީޑިއޯ އާންމުވުމާއެކު ގިނަ ބަޔަކު ވަނީ ވެމްކޯއަށް ފާޑުކިޔުން އަމާޒުކޮށްފައެވެ.

އެކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ވެމްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ ވީޑިއޯއިން އެފެންނަނީ ސީދާ ވެމްކޯގެ މުވައްޒަފެއް ކަމެއް އަދި ޔަގީން ނުވާ ކަމަށެވެ.

އެމައްސަލަ ބަލަމުންދާ ކަމަށާއި އަދި މައުލޫމާތު ލިބުނުހާ އަވަހަކަށް އެކަމާ ގުޅިގެން ބަޔާނެއް ނެރޭނެ ކަމަށް ވެމްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.