13 އަހަރުގެ ކުޑަ ކުއްޖާ މަރާލުމުގައި ބައިވެރިވި ފަރާތްތައް ހޯދާ އެ ފަރާތްތަކަށް ހައްގު އަދަބު ދިނުމަށާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ޕީޕީއެމް ޕީއެންސީން ގޮވާލައިފިއެވެ.

މިވަގުތު އެ ކުޑަ ކުއްޖާގެ އާއިލާއަށް ނަފްސާނީ ގޮތުން ކުރިމަތިވަމުން އަންނަ އުނދަގޫ ތަކަށް ފަރުވާ ދިނުން އަވަސް ކުރުމަށްވެސް ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކަށް ވަނީ ގޮވާލާފައެވެ. އެ ކޯލިޝަނުން ބުނީ އެ އަނިޔާވެރި އަދި ލާއިންސާނީ އަމަލު ހިންގި ފަރާތްތަކުން އެ އަމަލު ހިންގާފައިވާ ސަބަބާއި، އެ ކުއްޖާ ގެއްލިގެން ރިޕޯޓް ކުރުމާއެކު، ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުން އެ ކުއްޖާ ހޯދުމަށް ކުރި މަސައްކަތްތަކުގެ ތަފްސީލު ރައްޔިތުންނަށް ހާމަކޮށްދިނުމަކީ މުހިންމު ކަމެއް ކަމުގައި އެ ކޯލިޝަނުން ގަބޫލުކުރާ ކަމުގައެވެ.

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ދައުލަތުގެ މައްޗަށް ލާޒިމު ކޮށްފައިވާ ޒިންމާއެއް ކަމަށް ވީހިނދު، ގައުމުގައި ހިނގާ މިފަދަ ބިރުވެރި ލާއިންސާނީ އަމަލުތައް ހިނގުމަށް މެދުވެރިވަމުން މިދަނީ ދައުލަތުގެ އެންމެ އިސްވެރިޔާ އާއި ހިސާބުން ފެށިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އުފައްދާފައިވާ ދައުލަތުގެ މުއައްސަސާތަކުން އުފުލަން ޖެހޭ ޒިންމާތަކަށް އިހުމާލުވެ، ފަރުވާ ކުޑަ ކުރެވޭތީ ކަމުގައި ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ބުނެއެވެ.

އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާއާއި، ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުން ޒިންމާ އިން ރެކުމަށް އިތުރު ބަހަނާތައް ދެއްކުމެއް ނެތި، މިފަދަ ކަންކަމަށް ދޭ ސަމާލުކަން އިތުރުކޮށް، މި އަނިޔާވެރި އަމަލު ހިންގުމުގައި ބައިވެރިވި އެންމެން ހޯދާ އެ ފަރާތްތަކަށް ހައްގު އަދަބު ދިނުން އަވަސް ކުރުމަށް ވެސް ވަނީ ގޮވާލާފައެވެ. މިއަމަލު ގެ ފަހަތުގައި ވާ ހުރިހާ ކަމެއްގެ ހަގީގަތް ހޯދާ، ރައްޔިތުންގެ ސަލަމާތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށްވެސް ގޮވާލިއެވެ.