މާލެ ސަރަހައްދުގައި ޖިމްތައް ހުޅުވަން ހުއްދަ ދޭން އެޗްޕީއޭ އިން ނިންމައިފިއެވެ.
މިރޭ އެޗްއީއޯސީން ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ޖިމްތައް ހުޅުވަން ހުއްދަ ދިނުމަށް ނިންމާފައި ވަނީ ސެލޫންތައް ވެސް ހުޅުވަން ހުއްދަ ދިން ގޮތަށް ކަމަށެވެ. އެގޮތުން އެތަނަކުން ހިދުމަތް ދޭ ގޮތުގެ ސާވިސް ޕްލޭނެއް އެޗްޕީއޭއަށް ހުށަހެޅުމުން އެ ޕްލޭނަށް ބެލުމަށް ފަހު އެޗްޕީއޭއިން އެތަނެއް ހުޅުވުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށެވެ.
ޖިމްތައް ހުޅުވަން ހުއްދަ ދޭ އިރު އެތަންތަން ހުޅުވައިގެން ހިދުމަތް ދެވޭ ގަޑިތަކެއް އެޗްޕީއޭއިން ވަނީ ހަމަޖައްސާފައެވެ. އެ ގޮތުން ޖިމްތައް ހުޅުވޭނީ ފަތިހު 5 އިން އިރުއޮއްސި 6 އަށް ކަަމަށް މަބްރޫކް ވިދާޅުވިއެވެ. ޖިމް ހުޅުވާއިރު އެ ޖިމްއަކަށް އާންމުންނަށް ދެވޭނީ އެޕޮއިންޓްމަންޓް ހަމަޖެހޭ ގޮތަށް ވަކި ގަޑިތަކަކަށް ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ޖިމްތައް ހުޅުވާލަން ނިންމާފައި ވާއިރު ޖިމްތަކުގައި ކަސްރަތު ކުރަން އަދި ދެވޭނީ ވަކިވަކިން ކަމަށާއި ގްރޫޕް ކަސްރަތު އަދި ކުރުން މަނާ ވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ކޮވިޑުން ރައްކާތެރިވުމަށް އަޅާފައވާ ފިޔަވަޅުތަކަށް ލުއިތައް ދިނުމަށް ސަރުކާރުން ނިންމީ މިހާރު ކޮވިޑް ކޭސްތައް ދަށަށް ދާން ފެށުމުންނެވެ. މިއަދު ކޮވިޑް ޖެހުނު މީހުންގެ އަދަދަކީ 145 އެވެ. މިއީ މިދިޔަ މަހު ޕޮޒިޓިވް ވަމުން އައި ރޭޓާ އަޅާ ބަލާއިރު ވަރަށް މަދު އަދަދެކެވެ.