މަރާލުމަށް ފަހު އެއްލާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ކުއްޖާއަށް ޖެންޑާ މިނިސްޓްރީގެ އިޖްތިމާއީ އެހީތެރިކަން ހޯދުމަށް ކުއްޖާގެ އާއިލާއިން މަސައްކަތް ކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

އެ ކުއްޖާގެ މަރާ ގުޅިގެން ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން މިއަދު ހަވީރު ޓީވީތައް މެދުވެރިކޮށް މައުލޫމާތު ދެމުން ޖެންޑާ މިނިސްޓްރީގެ ނައިބު ފާތިމަތު ޔުމްނާ ވިދާޅުވީ، އެ ކުއްޖާގެ މަރުގެ ހަބަރު އެ މިނިސްޓްރީއަށް ލިބިފައި ވަނީ ފުލުހުންގެ ފަރާތުން ރޭ ފަތިހު ކަމަށެވެ. އެ ކުއްޖާއަށް ބޭނުންވާ އެހީތެރިކަން ހޯދަން އާއިލާއިން އެ މިނިސްޓްރީއާ އެކު މަސައްކަތް ކުރި ކަމަށާއި އެ މިނިސްޓްރީން ބެލި ބެލުމުން އެ ކުއްޖާއަކީ ގާބިލް ކުއްޖެއް ކަމަށް ޔުމްނާ ވިދާޅުވިއެވެ.

ކުއްޖާއާއެކު ކުރެވިފައިވާ ސޯޝަލް ވޯކްސް އިން އެ ކުއްޖާއަކީ ތައުލީމު އުނގެނެމުން ދާ އަދި ކުއްޖާގެ މުދައްރިސުންގެ ފަރާތުން ވެސް ކުއްްޖާގެ ގާބިލުކަން ފާހަގަ ކޮށްފައި ވާ ކުއްޖެއް ކަމަށް ޔުމްނާ ވިދާޅުވިއެވެ. އަދި ސޯޝަލް ވޯކްސްގައި މަސައްކަތް ކޮށްފައި ވަނީ އެ ކުއްޖާގެ މަންމައާ ގުޅިގެން އިޖްތިމާއީ ގޮތުން ކުއްޖާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމަށް ކަމަށް ވެސް ޔުމްނާ ވިދާޅުވިއެވެ.

13 އަހަރުގެ ކުއްޖަކު ރަހީނު ކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މި ދިޔަ އާދިއްތަ ދުވަހު އެވެ. އެ ކުއްޖާ ހޯދަމުން ދަނިކޮށް މަރާލާފައި އޮއްވާ ފެނިފައި ވަނީ ރޭ ދަންވަރު 2:38 ގައެވެ. ފެނުނު އިރު އެ ކުއްޖާ އޮތީ ފޮށިގަނޑަކަށް ލާ ހުޅުމާލެ ފޭސް 2 އާ ދިމާ މޫދަށް އެއްލާލާފައެވެ. މި ކުއްޖާ މަރާލުމުގައި ކުއްޖާއަށް ގިނަ އަނިޔާތަކެއް ދީފައި ވާއިރު ނޭވާ ހާސްކޮށްލަން ކަރުގައި އެއްޗެއް އޮޅާފައި ވާކަމަށް މައުލޫމާތު ލިބެއެވެ.

މި މައްސަލައާ ގުޅިގެން ރޭ ހެންވޭރުގައި ހުރި ގެއެއް ބަލައި ފާސްކޮށްފައި ވާ އިރު، 17 އަހަރުގެ ކުއްޖަކާ 27 އަހަރުގެ ފިރިހެނެއް ވަނީ ހައްޔަރު ކޮށްފައެވެ.