ފާއިތުވީ 2 އަހަރު ދުވަހުގެ ތެރޭގައި ނުދާހާ މައްޗަށް، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިއްޖެއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު، ރެކޯޑް މިންވަރަކަށް އުފުލިފައި މިވަނީ، އިނގިރޭސިވިލާތުގެ ބްރެންޓް ކުންފުނިން ވިއްކާ ތެޔޮ ފީފާއެއްގެ އަގު، 75 ޑޮލަރަށް އެރުމާ އެކުގައެވެ. މިއީ އޭޕްރިލް 2019ގެ ފަހުން، މިއަދަދު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.

މިއަހަރުގެ އޯގަސްޓް މަހު ބްރެންޓް ކުންފުނިން ތެޔޮ ފީފާއެއްގެ އަގު ވެސް ވަނީ އުފުލިފައެވެ. އެގޮތުން ކޮންމެ ފީފާއަކުން 29 ސެންޓް އުފުލިފައި ވާ ކަމަށް ހަބަރު ލިބެއެވެ. އޯގަސްޓް މަހު ބްރެންޓް ކުންފުނީގެ ތެޔޮ ފީފާއަކަށް، 75.19 ޑޮލަރު ޖެހޭނެ ކަމަށް ބެލެވެއެވެ.

އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް (ޑަބްލިއުޓީއައި) އިން ތެޔޮ ފީފާއެއް ވިއްކަނީ 73.66 ޑޮލަރަށެވެ. ޑަބްލިއުޓީއައިއިން އޯގަސްޓް މަހު ތެޔޮ ފީފާއެއް ވިއްކާނެ ކަމަށް ބެލެވެނީ 73.25 ޑޮލަރަށެވެ. މިއީ 13 ސެންޓް ނުވަތަ 0.2 ޕަސެންޓްގެ އިތުރުވުމެކެވެ.

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު ދުނިޔެ ހުއްޓުމަކަށް އައުމާއެކުހެން، ދުނިޔޭގެ ތެލުގެ ވިޔަފާރި އިންތިހާއަށް ހީނަރުވިއެވެ. ނަމަވެސް އެމެރިކާ، ޗައިނާ އަދި ވިލާތުގެ ބައެއް ގައުމުތައް އަލުން ހިނގައިގެންފައި ވާއިރު، ދުނިޔޭގެ ތެލުގ ވިޔަފާރި މި އަހަރު ވަނީ ހެޔޮ ފާލަކަށް އެޅެން ފަށާފައެވެ.

ބޭންކް އޮފް އެމެރިކާ ކޯޕަރޭޝަނުން ލަފާ ކުރާ ގޮތުގައި، މިއަންނަ އަހަރު، ބްރެންޓް ކުންފުނީގެ ތެޔޮ ފީފާއެއްގެ އަގު، 100 ޑޮލަރަށްވެސް އެރުން އެކަށީގެންވެއެވެ.