ކޮވިޑް 19 އަށް ފަހު މަލްޓިސިސްޓަމް އިންފްލްމޭޓަރީ ސިންޑްރޯމް އިން ޗިލްޑްރަން (މިސް-ސީ) ފެންނަން ފަށައިފި ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
''ދަ ޕްރެސް'' މައުލޫމާތު ދެއްވަމުން ޑރ. ފައިސަލް ވިދާޅުވީ މި ބަލި ޖެހެނީ ކޮވިޑް ޖެހުމަށް ފަހު ކުޑަކުދިންނަށް ކަމަށާއި، މި ބަލި 3 އަހަރާއި 10 އަހަރާ ދެމެދު އުމުރުފުރައިގެ ކުދިންގެ ގައިން ފެނިފައި ވާކަމަށެވެ. އަދި މި ބަލި ކޮވިޑްގެ މުއްދަތުގެ ތެރޭގައި ވެސް ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ފައިސަލް ވިދާޅުވީ މިސް-އީ ޖެހެނީ މަދުވެގެން ދެ ސިސްޓަމަކަށެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި މަދުވެގެން 3 ދުވަހު ގަދަޔަށް ހުންއައުން، ހިތުގެ ވިންދާ ލޭގެ ޕްރެޝަރު ދަށްވުން، ކަނދުރާގައި ރިއްސުން، އުކުޅުވަޅުގައި ރިއްސުން، ލޭ މަނާވުމުގެ ބައި ދަށްވުން އަދި ހޮޑުލުން ހިމެނެއެވެ.
މި ބަލީގެ އެންމެ ބޮޑު އަލާމާތަކީ ގަދައަށް ހުންއައުމެވެ. ގާތްގަނޑަކަށް 39، 40 ޑިގްރީ ސެލްސިއަސްގައި މަދުވެގެން 3 ދުވަސް ވަންދެން ހުން ހަންނަކަމަށް ޑރ ވިދާޅުވިއެވެ. ކުޑަކުދިންނަށް ވާތީ ބައެއް ފަހަރު ކޮވިޑަށް ޓެސްޓު ނުކޮށް ހުއްޓާ އޭގެ ފަހުން މި ބަލީގެ އަލާމާތްތައް ފެނި ޓެސްޓު ކުރާ އިރު މި ބަލި ޖެހިފައިވާ ކުދިންވެސް ފެނިފައި ވާކަން ފައިސަލް ވަނީ ފާހަގަ ކުރައްވާފައެވެ.
މި ބައްޔަކީ ކުޑަކުދިންނަށް ޖެހޭ ބައްޔެއް ކަމުން އަލާމާތްތައް ފެނުމުން ލަސްނުކޮށް ސިއްހީ މާހިރެއްގެ ލަފާ ހޯދަން ވާނެއެވެ. މި ބަލިން ރަނގަޅުވާން ގާތްގަނޑަކަށް އެއް ހަފްތާއާއި ދެ ހަފްތާގެ މުއްދަތެއް ނަގައެވެ.
ކޮވިޑް19 އަށް ފަހު ލޮލުގެ ފެނުން ގެއްލޭ، މިއުކޯމައިކޯސިސް ނުވަތަ ވަރަށް މަދުން ފެންނަ ނުރައްކާތެރި އިންފެކްޝަނެއް ކަމަށްވާ "ބްލެކް ފަންގަސް" އަށް އަށް ޝައްކު ކުރެވޭ މީހަކުވެސް ރާއްޖެއިން ފެނުނެވެ. ނަމަވެސް ހެދި ޓެސްޓް ތަކުން އެއީ ބްލެކް ފަންގަަސް ނޫންކަން ފަނީ ފަހުން އެނގިފައެވެ.