ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ އިހުމާލުގެ މަރުތައް ކަމަށް ޕީއެންސީގެ ނައިބު ރައީސް، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު އެހެން ވިދާޅުވީ 13 އަހަރުގެ ފިރިހެން ކުއްޖަކު ހޯދަމުން ދަނިކޮށް މަރާލާފައި އޮއްވާ ފެނުނު ހާދިސާއާ ގުޅިގެންނެވެ.

އެގޮތުން ސައީދު ވިދާޅުވީ މަކަރާއި ހީލަތާ، އެތައް ކަމެއް މިގައުމުގައި ހިނގަމުން ދާއިރު ވެސް މަޖިލީހާއި ސަރުކާރު އުޅެނީ އެމީހުންގެ މަސްލަހަތު އޮންނަ ކަންތައްތަކުގައި ކަމަށެވެ.

އަދި އެ ބާރުތަކަށް މިއަދު ރައްޔިތަކު ފެންނަ ކަމަށް ނުވާ ކަމަށް ވެސް ސައީދު ވަނީ ވިދާޅުވެފައެވެ.

ސައީދު އިތުރަށް ވިދާޅުވީ ބަލާލި ކޮންމެ ދިމަލަކުން ވެސް ފެންނަނީ މާޔޫސްކަމާއި ނުރައްކާ ކަމަށާއި، އިހުމާލުގެ މަރުތަކާއި ގައުމު ވިއްކުން ކަމަށެވެ. އަދި އެކަން ބަލާނެ މުއައްސަސާއެއް ވެސް ނެތް ކަމަށް ސައީދު ވިދާޅުވިއެވެ.

ބަޔަކު 13 އަހަރުގެ ކުއްޖަކު ރަހީނު ކޮށްފައިވާ ކަމަށް ބެލެވޭ މައްސަލައެއް ހުށަހަޅާފައި ވަނީ މި ދިޔަ އާދިއްތަ ދުވަހު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލައާ ގުޅިގެން ކުއްޖާ ހޯދަމުން ދަނިކޮށް އެ ކުއްޖާ މަރާލާފައި އޮއްވާ ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެ ކުއުްޖާގެ ހަށިގަނޑު ފެނުނީ ރޭ ދަންވަރު 2:38 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. އެ ކުއްޖާ އޮތީ ފޮށިގަނޑަކަށް ލާ ހުޅުމާލެ ފޭސް 2 އާ ދިމާ މޫދަށް އެއްލާލާފައެވެ.

މި މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ ދެމީހަކު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެއީ 17 އަހަރުގެ ފިރިހެން ކުއްޖަކާއި 27 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.