ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކޮށްފައި ވާ ވެކްސިން، ހުރިހާ ގައުމަކަށް އިންސާފުން ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ ސްކީމް މެދުވެރިކޮށް ވެކްސިން ހޯދަމުން އަންނަ ގައުމުތަކަށް، ސަޕްލައިގެ މައްސަލަތައް ކުރިމަތިވެ، ވެކްސިން ކެމްޕޭން ކުރިއަށް ގެންދިއުމަށް އެކަށީގެންވާ މިންވަރަށް ޑޯޒް ނުލިބޭ ކަމުގެ އިންޒާރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔަ (ޑަބްލިއުއެޗްއޯ) އިން ދީފިއެވެ.

ޑަބްލިއުއެޗްއޯއގެ އިސް މުޝީރެއް ކަމަށްވާ ޑރ ބްރޫސް އެއިލްވޯޑް ވިދާޅުވީ، ކޮވެކްސް ޕްރޮގްރާމް މެދުވެރިކޮށް، މިހާތަނަށް، 131 ގައުމަކަށް، 90 މިލިއަން ޑޯޒްގެ ވެކްސިން ފޯރުކޮށްދީފައި ވާނެ ކަމަށެވެ.

ނަމަވެސް މިއީ މުޅި ދުނިޔެއަށް ފެތުރިފައިވާ ވައިރަހުން ގައުމުތަކުގެ އާބާދީ ސަލާމަތް ކުރުމަށް އެކަށީގެންވާ މިންވަރެއް ނޫން ކަމަށްވެސް ޑރ އެއިލްވޯޑް ވިދާޅުވިއެވެ.

ވެކްސިން ސަޕްލައިގައި ދަތިތަކެއް ކުރިމަތި ވެފައި ވާ މި ދަނޑިވަޅަކީ، އެފްރިކާގެ ބައެއް ގައުމުތަކަށް، ކޮވިޑްގެ 3 ވަނަ ރާޅެއް ކުރިމަތިވެފައިވާ ދަނޑިވަޅެކެވެ.

ދެކުނު އެފްރިކާގެ ރައީސް ސިރީލް ރާމަފޯސާ ވަނީ، މުއްސަނދި ގައުމުތަކުން ގެންގުޅޭ ވެކްސިން "ބައްކުރުމުގެ" އުސޫލަށް ނިމުން ގެނައުމަށް ގޮވާލައްވާފައެވެ.

ޑަބްލިއުއެޗްއޯ އިސްކޮށް އޮވެ، ބައިނަލްއަގުވާމީ ފެންވަރުގައި އެކުލަވާލި ކޮވެކްސް ފެސިލިޓީއަކީ މިއަހަރު ނިމޭއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކަށް 2 ބިލިއަން ޑޯޒްގެ ކޮވިޑް ވެކްސިން ފޯރުކޮށްދިނުމަށް އަމާޒު ކަނޑައެޅި މަޝްރޫއެކެވެ.

ހިލޭ އެހީގެ ގޮތުގައި ފަގީރު ގައުމުތަކަށް ބޮޑެތި އަދަދުތަކުން، ކޮވެކްސް މެދުވެރިކޮށް ވެކްސިން ފޯރުކޮށްދޭން ނިންމާފައި ވާއިރު، އެ ފެސިލިޓީ އަމާޒު ހިފާފައި ވަނީ، ކޮންމެ ގައުމެއްގެ އާބާދީގެ 20 ޕަސެންޓަށް ވެކްސިން ކަށަވަރު ކޮށްދިނުމަށެވެ.

ނަމަވެސް ވެކްސިން އުފެއްދުމުގައި ލަސްތަކެއް ކުރިމަތިވުމާ، ސަޕްލައި ޗޭނަށް ބުރޫ އެރުން ފަދަ ކަންކަމުގެ ސަބަބުން، ކޮވެކްސްއަށް ބަރޯސާވެފައިވާ ގައުމުތަކަށް ވެކްސިން ޑޯޒްތައް ލިބުމުގައި ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.