މާލެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް، ގުޅީފަޅުގެ ޕްލޭން ރިވައިސް ކޮށް އަވަސް ކޮށްދެއްވުމަށް އެދިވަޑައިގެން މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުއްވާފިއެވެ.

މުއިއްޒު ވިދާޅުވީ މާލެ ގިނަ ރައްޔިތުންނަށް ގޯތި އަދި ފްލެޓް ލިބޭ ގޮތަށް ގުޅީފަޅުގެ ޕްލޭން ރިވައިސް ކުރުމަށް ސިޓީ ކައުންސިލް އާ އެކު މަޝްވަރާތައް ބާއްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވާ ކަމަށެވެ.

ނަމަވެސް 4 ހަފްތާ ވީއިރުވެސް އެކަން ނުވާތީ އެކަން އަވަސްކޮށްދެއްވުމަށް އެދިވަޑައިގެންނެވީ ކަމަށެވެ.

މީގެ ކުރިން މުއިއްޒު ވަނީ މާލެ ރައްޔިތުންނަށް ގުޅީފަޅުން ބޯހިޔާވަހިކަން ހޯދައިދިނުމަށް ކޯޓަށް ވަޑައިގަންނަވަން ޖެހިވަޑައިގެންފި ހާލަތެއްގައި ކޯޓަށްވެސް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.

މިމަހު 7 ވަނަ ދުވަހުގެ ރޭ މާލޭ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވެފައި ވަނީ މާލެ ރައްޔިތުން އެދޭގޮތަށް ގުޅީފަޅުގެ ކަންތައް ބަދަލު ކުރުމުގައި ސިޓީ ކައުންސިލަށް ފުރުސަތެއް އަދި ނުލިބޭ ކަމަށެވެ. އަދި ސަރުކާރުން ހުށަހަޅާފައިވާ ޕްލޭނަށް ބަދަލު ގެނައުމަށް ކުރަން ޖެހުނު ހުރިހާ ކަމެއްވެސް ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވެފައި ވެއެވެ.

މޭޔަރު ވިދާޅުވީ މާލެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަންޒިލަކަށް ގުޅީފަޅު ހެދުމަށް އެ ކައުންސިލްގެ 2 ވަނަ ބައްދަލުވުމުން ފާސްކޮށްފައިވާ ކަމަށާ އެ ނިންމުމުގެ ދަށުން މަސައްކަތް ފެށިފައިވާ ކަމަށެވެ.

30،000 ރައްޔިތުންނަށް ގެދޮރު ލިބޭނެހެން ގުޅީފަޅު ޕްލޭން ރިވައިސް ކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެގޮތަށް ޕްލޭން އޮއްވައި ގުޅީފަޅު ހިއްކުމާ ބެހޭ އީއައިއޭ ކޮންސަލްޓެންޓު ހިމެނޭހެން ޕްލޭނިން މިނިސްޓްރީ އާއި މާލެ ސިޓީ ކައުންސިލުގެ މެންބަރުންނާއެކު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށާއި މިހާރު އޮތް ގޮތަށް އެތަން ހިއްކަން ކައުންސިލުގެ ތާއީދު ނެތްކަމަށް އެ ބައްދަލުވުމުގައި ދަންނަވާފައި ވާނެ ކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.