ތިމާވެއްޓަށް ގެއްލުންދޭ އެއްޗެހީގެ ތެރެއިން ޕްލާސްޓިކްގެ ބާވަތްތައް ރާއްޖޭގެ ބާޒާރަށް ނެރުން މަނާ ކުރުމުގެ ބިލަށް އާންމުންގެ ހިޔާލު ހޯދަން ރައްޔިތުންގެ މަޖިލީހުން އެދިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުން ބުނީ، ގާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) އަށް އިސްލާހު ގެނައުމުގެ ބިލަށް އާންމުންގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 27 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ހިޔާލު ހުށަހަޅާނީ މަޖިލީހުގެ އެންވާރަމަންޓް ކޮމިޓީގެ އީމެއިލް އަށް ކަމަށް މަޖިލީހުން ބުނެއެވެ.

ސަރުކާރުން ބުނެފައިވަނީ މި ބިލު ހުށަހެޅުމުގެ ބޭނުމަކީ ތިމާވެއްޓަށް ގެއްލުންދޭ އެއްޗެހީގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ސިންގަލް ޔޫސް ޕްލާސްޓިކްގެ ބާވަތްތައް ރާއްޛޭގެ އުފެއްދުމަށާއި ބާޒާރަށް ނެރުނުން މަނާ ކުރުން ކަމަށެވެ. ހަމައެއާއެކު ތަފާތު މަރުހަލާތަކަށް ބަހާލައިގެން އެކަން ކުރުމުގެ ފުރުސަތު ދިނުމައްޓަކައި ގާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) އަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުން ކަމަށް ސަރުކާރުން ބުނެއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅުއްވާފައިވަނީ ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމެވެ.