ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި މިރޭ ތުރުކީއާ ވާދަކުރި މެޗު 3-1 އަކުން ކާމިޔާބުކޮށްގެން ގަދަ 16 ދިއުމުގެ ފުރުސަތު ސުވިޓްޒަލޭންޑުން ދަމަހައްޓައިފިއެވެ.

މުބާރާތުގައި ކުޅުުނު ފުރަތަމަ މެޗުން އެއްވަރުވެ އަދި ދެވަނަ މެޗުން ދަށްވި ސުވިޓްޒަލޭންޑް މިރޭގެ މެޗުން މޮޅުވި ނަމަވެސް ގްރޫޕް އޭގެ މެޗުތައް ނިމުނު އިރު އެޓީމު އޮތީ ގްރޫޕްގެ ތިން ވަނައިގައެވެ. އެއީ މިރޭ ކުޅުނު އަނެއް މެޗުގައި އިޓަލީގެ އަތުން ބަލިވި ވޭލްސްއާ ޕޮއިންޓްގެ ގޮތުން އެއްވަރުވި ނަމަވެސް ގޯލް ޑިފަރެންސްގެ ތަފާތުންނެވެ.

ގްރޫޕަކުން އޮޓަމެޓިކުން ދެވަނަ ބުރަށްދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. އެހެން ނަމަވެސް ހުރިހާ ގްރޫޕަކުން ވެސް ތިން ވަނައަށް އެންމެ މޮޅު ޓީމުތަކުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ހޯދާފައިވާ ހަތަރު ޓީމެއް ވެސް ގަދަ 16 އަށް ދާނެއެވެ.

މިގޮތުން، މިރޭ ކުޅުނު މެޗުން މޮޅުވެ ސުވިޓްޒަލޭންޑުން މިވަނީ އެންމެ މޮޅު ތިން ވަނަ ޓީމުގެ ގޮތުގައި ގަދަ 16 އަށް ދިއުމުގެ ފުރުސަތު ފުޅާކޮށްފައެވެ.

މިރޭގެ މެޗުގައި ސުވިޓްޒަލޭންޑުން ވަރުގަދަ ކުޅުމެއް ދައްކާފައިވާ އިރު މެޗުގެ 6 ވަނަ މިނެޓްގައި ސެފެރޮވިޗް ވަނީ ލަނޑެއް ޖަހާ އެޓީމަށް ލީޑު ނަގާ ދީފައެވެ.

ސުވިޓްޒަލޭންޑްގެ ފުރަތަމަ ލަނޑު ޖަހާ އުފާ ފާޅުކުރަނީ/ ފޮޓޯ: ގޯލް

އަދި މެޗުގެ 26 ވަނަ މިނެޓްގައި ލިވަޕޫލްގެ މިޑްފީލްޑަރު ޒެޑާން ޝަކީރީ ވަނީ ހިތް ގައިމު ލަނޑެއް ޖަހާ ސްކޯ 2-0 އަކަށް ހަދާފައެވެ.

އެއްވެސް މެޗަކުން މޮޅުނުވެ މުބާރާތް ނިންމާލި ތުރުކީން ވަނީ ދެވަނަ ހާފްގައި ކުޅުން ރަނގަޅުކޮށް ލަނޑެއް ވެސް ޖަހާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ކަވެޗީއެވެ.

ސުވިޓްޒަލޭންޑްގެ ޝަކީރީ ވަނީ މިމެޗުގައި ދެލަނޑު ޖަހާފައި/ ފޮޓޯ: ޔޫރޯ 2020 ޓުވިޓާ

އެހެން ނަމަވެސް މެޗުގެ 68 ވަނަ މިނެޓްގައި ޝަކީރީ ވަނީ ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ.

މުބާރާތުގެ ދެވަނަ ބުރަށް ސުވިޓްޒަލޭންޑަށް ދެވުނު ކަން އެނގޭނީ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗުތައް ކުޅެ ނިމުމުންނެވެ.