މިއަދު ޖުމްލަ 211 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެ، 289 މީހަކު ބަލިން ރަނގަޅު ވެ، މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި ތިބި މީހުންގެ އަދަދު 5300 ތިރި ވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 84 މީހަކާއި އަތޮޅުތެރޭގެ ރަށްރަށުން 91 މީހަކާއި މިވަގުތު ހިންގަމުން ދާ ރިސޯޓުތަކުން 7 މީހަކާއި އަދި ލިވަ ބޯޑުން 5 މީހެކެވެ ކަމަށެވެ. ހަމައެއާއެކު މިއަދު 289 މީހަކު ބަލިން ރަނގަޅުވެފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިއަދުގެ އިތުރުން ވޭތުވެ ދިޔަ ދެ ދުވަހަކީ މި ވޭތުވެ ދިޔަ 2 މަސް ދުވަހުގެ ތެރޭގައި އެންމެ މަދު ކޭސް ރިޕޯޓް ކުރި ދުވަހެވެ. އެ ގޮތުން އިއްޔެ 211 މީހަކު އަދި އޭގެ ކުރީ ދުވަހު 142 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

ޕޮޒިޓިވްވި މީހުންނާއެކު އެކްޓިވް ކޭސް މިވަނީ 5300 އަށް ތިރިވެފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އިއްޔެ އެކްޓިވް ކޭސްގެ އަދަދު އުޅުނީ 5403 ގައެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު ޖުމްލަ އަދަދަކީ 71،896 އެވެ. މީހުންގެ ތެރެއިން 66379 މީހުން މިހާތަނަށް ރަނގަޅުވެފައި ވާއިރު މަރުވި މީހުންގެ އަދަދު މިވަނީ 206 އަށް އަރާފައެވެ. މިއަދު މި ބަލީގައި މަރުވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދިޔަ އުމުރުން 75 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މަސް ފެށިގެން އައިރު ޕޮޒިޓިވް ކޭސްގެ ގޮތުގައި ރިޕޯޓު ކުރާ އަދަދު އަންނަނީ މަދުވަމުންނެވެ. މިދިޔަ މަހު 1000 އާއި 2000 އާ ދެމެދުން ކޮވިޑް ކޭސް ރިޕޯޓް ކުރަމުން އައި މި މަސް ފެށުނު އިރު ކޭސްތައް ރިޕޯޓު ކުރަނީ 700 އާ ގާތުންނެވެ. މި މަސް ދެބައިވި އިރު، މިމަހު ޕޮޒޮޓިވްވި ޖުމްލަ އަދަދު މި ވަނީ 7389 އަށް އަރާފައެވެ. އަދި މި މަހު މަރުވި މީހުންގެ އަދަދު މި ވަނީ 46 އަށް އަރާފައެވެ.

ރާއްޖެއިން މި ބަލި ފެންނަން ފެށިތާ މިއަދާ ހަމައަށް 470 ދުވަސްވެފައި ވާއިރު، މި ދިޔަ އަހަރު ނިމުނު އިރު ކޮވިޑް ޕޮޒިޓިވް ކޭސްގެ ގޮތުގައި 13،757 ޖުމްލަ ކޭސް ވަނީ ރިޕޯޓް ކޮށްފައެވެ. އަދި އެ ދުވަހާ ހަމައަށް މަރުވި މީހުންގެ އަދަދު ވަނީ 48 ގައެވެ. ނަމަވެސް ވޭތުވެ ދިޔަ 5 މަސް ދުވަސް ތެރޭގައި ޖުމްލަ ޕޮޒިޓިވް ކޭސްގެ އަދަދު މި ވަނީ 71،000 އިން މައްޗަށް ގޮސްފައެވެ.