ހުރިހާ ކައުންސިލްތަކާ ގުޅިގެން ކުރިއަށް އޮތް 5 އަހަރު ލާމަރުކަޒީ ނިޒާމު އެންމެ ފުރިހަމައަށް ހިންގުމަށް މަސައްކަތް ކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ލާމަރުކަޒީ ނިޒާމު ފުރިހަމަކޮށް ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދިނުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށެވެ. އެގޮތުން 2011 ވަނަ އަހަރު ލާމަރުކަޒީ ނިޒާމު ވުޖޫދުވެގެން އައިސް 10 ވަނަ އަހަރާ ކުރިމަތިލީއިރު މި ނިޒާމުގެ ދަށުން ފުރިހަމަ ނުވެ އޮތް އެންމެ މުހިންމު ކަންތައް ފުރިހަމަވެފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެއީ މާލީ ގޮތުން ލާމަރުކަޒު ކުރެވިގެން ދިއުން ކަން ފާހަގަކޮށް މިނިސްޓްރީން ބުނީ ދައުލަތުގެ ބަޖެޓުން ވަކި ޕަސެންޓެއް ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން ކައުންސިލްތަކަށް ދިނުމާ، ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ވާ ތަންތަން ބޭނުންކޮށްގެން އާމްދަނީ ހޯދޭނެ މަގު ފަހިވެގެން ދިޔުމާ ކައުންސިލްތަކުގެ ބަޖެޓް ގްރާންޓްގެ ގޮތުގައި ދޭން މި ސަރުކާރުން ނިންމި ނިންމުމަކީ ކައުންސިލްތަކުގެ ހިންގުން ހަރުދަނާ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

އޭގެ އިތުރުން ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް މި ސަރުކާރުން އެ ނޫންވެސް އިތުރު މުހިންމު ބަދަލުތަކެއް ގެންނަމުންދާ ކަމަށާއި އެގޮތުން ކައުންސިލަރުންގެ މުސާރަ އަށްވެސް ހެޔޮ ބަދަލުތަކެއް ގެނެސްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ރަނގަޅު މުސާރައާއެކު ކޮންމެ ކައުންސިލަކަށްވެސް ސެކްރެޓަރީ ޖެނެރަލެއް ލުމަކީ ކައުންސިލުންގެ މަސައްކަތަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ އެގެނައި ކޮންމެ ބަދަލަކީ ދައުލަތުގެ ބަޖެޓުން އެތައް މިލިއަން ރުފިޔާއެއް އިތުރަށް ހަރަދުވެގެން ދިޔަ ކަމެއްކަމަށް ވީނަމަވެސް އެކަން ކުރަން ބޭނުންވާ ސަބަބަކީ ރައްޔިތުން އެދޭ ފަދަ ފުރިހަމަ ހިދުމަތްތަކެއް ފޯރުކޮށްދޭ ތަނަކަށް ކައުންސިލްތައް ވެގެން ދިއުން ކަމަށެވެ.

މި ދުވަސްވަރަކީ މުޅި ދުނިޔެވެސް ބޮޑު އިގްތިސާދީ ކާރިސާއެއްގެ ތެރޭގައި އޮތް ދުވަސްވަރެއްކަމުން ހަރަދުކުރުމުގައި ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިވަގުތަކީ އަޅުގަނޑުމެން ބޭނުންވިޔަސް, އަޅުގަނޑުމެން ބޭނުން ހުރިހާ ކަމެއްކުރެވޭނެ ވަގުތެއް ނޫންކަން އެންމެންވެސް ދަންނަންޖެހޭނެ. މި ކާރިސާއާއި އެކު ދައުލަތަށް ލިބޭ އާމްދަނީވެސް މިވަނީ ބޮޑުތަނުން ދަށަށް ދާން ފަށާފައި. 2020 ވަނައަހަރުގެ މީޑިއަމް ޓާމް ފިސްކަލް ސްޓެރެޓެޖީ އަށް ބަލާއިރު, އެއީ 2020 އިން ފެށިގެން 2022 ނިޔަލަށް, މި ޕެންޑެމިކްގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް 36 ބިލިއަން ރުފިޔާގެ ގެއްލުމެއް ވާނެ. އެއީ ގާތްގަނޑަކަށް 2.3 ރ ބިލިއަން ޑޮލަރުގެ ގެއްލުމެއް. އެހެންކަމުން މި ގެއްލުމުން އަންނަ ލޮޅުން ކުޑަކުރުމަށް ޚަރަދުތައް ކުޑަކުރަންޖެހޭ. އަދި ކޮންމެ ޚަރަދަކުން ލިބޭ މަންފާ އިތުރުކުރަން ޖެހޭ.
ފިނޭންސް މިނިސްޓްރީ

މިނިސްޓްރީން ބުނީ މި ޕެންޑެމިކް އާ ގުޅިގެން އިތުރުވި ދަރަނި އުފެއްދުންތެރިކަމުގެ ނިސްބަތުން ވީ އެންމެ އަވަހަކަށް ކުޑަކުރުމަކީ މެދުރާސްތާގައި މިނިސްޓްރީގެ އެންމެ ބޮޑު އަމާޒު ކަމަށެވެ.

އަދި އިގްތިސާދު ސިންދަފާތުކޮށް ވީ އެންމެ އަވަހަކަށް ގައުމީ އުފެއްދުންތެރިކަން ކުރިއަރުވާ އަދި ފިސްކަލް ކޮންސޮލިޑޭޝަން ގެނައުމަކީ 2022 ވަނަ އަހަރުގެ ބަޖެޓުގެ އަމާޒު ކަމަށް މިނިސްޓްރީން ބުނެއެވެ.

މާލިއްޔަތު ގަވާއިދަށް ގެންނަން ޖެހޭ މުހިއްމު ބަދަލުތައް މި ދަނީ ގެންނަމުން. ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު ހަރުދަނާ ކުރުމަށްޓަކާ ކުރަން ޖެހޭ މަސައްކަތްތައް މިދަނީ ކުރަމުން. ކައުންސިލްތަކާވެސް ސީދާ ގޮތުން ގުޅުންހުރި ގިނަ ކަންތައްތަކެއް މިދިޔަ މުއްދަތުގައި ވަނީ ކުރެވިފަ.
ފިނޭންސް މިނިސްޓްރީ

ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު ހަރުދަނާ ކުރުމަށްޓަކާ ކައުންސިލްތަކާވެސް ސީދާ ގޮތުން ގުޅުންހުރި ގިނަ ކަންތައްތަކެއް މިދިޔަ މުއްދަތުގައި ކޮށްދީފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެގޮތުން ކައުންސިލްތަކުގެ މާލީ ކަންތައްތައް ވިޔަ މޮޑިއުލްގެ ތެރޭން ކުރެވޭނެ ގޮތް ހަމަޖެހި, ލޯކަލް ގަވާމަންޓް އޮތޯރިޓީގެ އެހީގައި ހުރިހާ ރަށަކުން މުވައްޒަފުން ތަމްރީން ކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ދައުލަތަށް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ބަނޑޭރިޕޭ މެދުވެރިކޮށް ދެއްކޭނެ އިންތިޒާމް ގާއިމްކޮށް އަދި ކައުންސިލްތަކުގެ ބޭންކު އެކައުންޓުތަކަށް އިންޓަނެޓް ބޭންކިންގެ ހިދުމަތް ބޭނުންކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ފަހިވެގެން ދާނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

އޭގެ އިތުރުން ޕަބްލިކް ބޭންކު އެކައުންޓުގައި ހުރި ކައުންސިލްތަކުގެ ޓްރަސްޓް ފަންޑުތަކަށް ނިސްބަތްވާ ފައިސާ، ކައުންސިލްތަކުގެ ބޭންކު އެކައުންޓުތަކަށް ބަދަލުކުރުމުގެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިއޮތް 5 އަހަރަކީ ހުރިހާ ކައުންސިލްތަކަކުންވެސް ސަރުކާރާ ގުޅިގެން ލާމަރުކަޒީ ނިޒާމު އެންމެ ފުރިހަމައަށް ހިންގުމަށް މަސައްކަތް ކުރާނެ ދުވަސްތަކަކަށް ވާނެ ކަމަށް.

ކުރިއަށް މިއޮތް 5 އަހަރަކީ ހުރިހާ ކައުންސިލްތަކަކުން ވެސް ސަރުކާރާ ގުޅިގެން ލާމަރުކަޒީ ނިޒާމު އެންމެ ފުރިހަމައަށް ހިންގުމަށް މަސައްކަތް ކުރާނެ ދުވަސްތަކަކަށް ވާނެ ކަމަށް ޔަގީން ކުރާ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މިނިސްޓްރީގެ ފަރާތުން ކައުންސިލްތަކަށް ލިބެން ޖެހޭ އެންމެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ވަނީ އަރުވާފައެވެ.