ހަމަނުޖެހުންތަކާ ހަނގުރާމަތައް އެތައް އަހަރަކަށް ދިގުލާ ގޮސްފައި ވާ އަފްގާނިސްތާނުގެ ސަލާމަތާ ބެހޭ އެންމެ އިސް 2 ވަޒީރުންގެ މަގާމަށް، އެ ގައުމުގެ ރައީސް އަޝްރަފު ޣަނީ، ބަދަލު ގެންނަވައިފިއެވެ.

ސަރުކާރުގެ ސަލާމަތީ ބާރުތަކާ ކުރިމަތިލަމުން ގޮސް، އާ ސަރަހައްދުތަކެއް ތޯލިބާން ހަނގުރާމަވެރިންގެ ކޮންޓްރޯލްގެ ދަށަށް ގެންދިއުމަށް ގާތްވެފައިވާ މި ނުތަނަވަސް ދަނޑިވަޅުގައި، އަފްގާނިސްތާނުގެ ރައީސް، ބަދަލު ގެންނަވާފައި ވަނީ ދިފާއީ ވަޒީރު ކަމުގެ މަގާމަށާ، ދާހިލީ ވަޒީރު ކަމުގެ މަގާމަށެވެ.

އަފްގާނިސްތާނުގެ ދިފާއީ ވަޒީރު ކަމުގެ މަގާމަށް މިހާރު އައްޔަން ކުރައްވާފައި ވަނީ، ޖެނެރަލް ބިސްމިﷲ ހާން މުހައްމަދެވެ. އޭނާއަކީ ތޯލިބާނުންނާ ދެކޮޅަށް، 1990ގެ ދާހިލީ ހަނގުރާމާގައި ވަރުގަދައަށް ނިކުންނެވި ކޮމާންޑަރު، އަހުމަދު ޝާހް މައްސޫދުގެ ދަށުގައި ހަނގުރާމަ ކުރެއްވި ބޭފުޅެކެވެ.

ދިފާއީ ވަޒީރު ކަމުގެ މަގާމުގައި ކުރިން ހުންނެވީ، 2018 ވަނަ އަހަރުން ފެށިގެން އެ މަގާމު އަދާ ކުރައްވަމުން ގެންދެވި އަސަދުﷲ ހާލިދެވެ. އޭނާއަކީ، 2012 ވަނަ އަހަރު އަމާޒުވި ބޮމުގެ ހަމަލާއާ ގުޅިގެން ސިލްސިލާ ގޮތެއްގައި ގައުމުން ބޭރުން ފަރުވާ ހޯއްދަވާ ވަޒީރެކެވެ.

ބިސްމިﷲ ހާން މުހައްމަދު މީގެ ކުރިންވެސް ވަނީ އަފްގާނިސްތާނުގެ ދިފާއީ ވަޒީރު ކަމާ، ދާހިލީ ވަޒީރުކަން އަދާ ކުރައްވާ، އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ކަމުގެ މަގާމުގެވެސް އަދާ ކުރައްވާފައެވެ.

އަފްގާނިސްތާނުގެ ދާހިލީ ވަޒީރު ކަމުގެ މަގާމަށް މިހާރު އައްޔަން ކުރައްވާފައި ވަނީ ޖެނެރަލް ޢަބްދުއްސައްތާރު މީރުޒަކްވާލްއެވެ. މީރުޒަކްވާލް އަކީ މީގެ ކުރިން، ސަރަހައްދީ ފެންވަރުގެ ގިނަ މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ.

މި ވަގުތަކީ، ހަތިޔާރުއެޅި ހަނގުރާމަވެރި ތޯލިބާނުންނާއެކު ކުރިއަށް ގެންދާ ސުލްހައިގެ މަޝްވަރާތައްވެސް ކޮޅެއްގައި ނުޖެހި މެދުކެނޑިފައިވާ ވަގުތެކެވެ. އަދި އިތުރު 40 ޑިސްޓްރިކްޓެއް، އެ ޖަމާއަތުގެ ކޮންޓްރޯލްގެ ދަށަށް ނަގާފައިވާ ދަނޑިވަޅެއްވެސްމެއެވެ.