މިއަދު ޖުމްލަ 211 މީހުން ކޮވިޑަށް ޕޮޒިޓިވް ވެ، މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި ތިބި މީހުންގެ އަދަދު 5403 ތިރި ވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 54 މީހަކާއި އަތޮޅުތެރޭގެ ރަށްރަށުން 132 މީހަކާއި މިވަގުތު ހިންގަމުން ދާ ރިސޯޓުތަކުން 25 މީހަކު ކަމަށެވެ. ހަމައެއާއެކު މިއަދު 912 މީހަކު ބަލިން ރަނގަޅުވެފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިއަދުގެ އިތުރުން އިއްޔެ އަކީ މި ވޭތުވެ ދިޔަ 2 މަސް ދުވަހުގެ ތެރޭގައި އެންމެ މަދު ކޭސް ރިޕޯޓް ކުރި ދުވަހެވެ. އެ ގޮތުން އިއްޔެ ވަނީ 142 މީހަކު ޕޮޒިޓިވް ވެފައެވެ.

ޕޮޒިޓިވްވި މީހުންނާއެކު އެކްޓިވް ކޭސް މިވަނީ 5403 އަށް ތިރިވެފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އިއްޔެ އެކްޓިވް ކޭސްގެ އަދަދު އުޅުނީ 6106 ގައެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު ޖުމްލަ އަދަދަކީ 71356 އެވެ. މީހުންގެ ތެރެއިން 65178 މީހުން މިހާތަނަށް ރަނގަޅުވެފައި ވާއިރު މަރުވި މީހުންގެ އަދަދު މިވަނީ 205 އަށް އަރާފައެވެ.

މިއަދު މި ބަލީގައި މަރުވެފައި ވަނީ ދެމީހެކެވެ. އެއީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދިޔަ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނަކާއި 55 އަހަރުގެ އިންޑިއާ ފިރިހެނެކެވެ.

މި މަސް ފެށިގެން އައިރު ޕޮޒިޓިވް ކޭސްގެ ގޮތުގައި ރިޕޯޓު ކުރާ އަދަދު އަންނަނީ މަދުވަމުންނެވެ. މިދިޔަ މަހު 1000 އާއި 2000 އާ ދެމެދުން ކޮވިޑް ކޭސް ރިޕޯޓް ކުރަމުން އައި މި މަސް ފެށުނު އިރު ކޭސްތައް ރިޕޯޓު ކުރަނީ 700 އާ ގާތުންނެވެ. މި މަސް ދެބައިވި އިރު، މިމަހު ޕޮޒޮޓިވްވި ޖުމްލަ އަދަދު މި ވަނީ 7202 އަށް އަރާފައެވެ. އަދި މި މަހު މަރުވި މީހުންގެ އަދަދު މި ވަނީ 45 އަށް އަރާފައެވެ.

ރާއްޖެއިން މި ބަލި ފެންނަން ފެށިތާ މިއަދާ ހަމައަށް 469 ދުވަސްވެފައި ވާއިރު، މި ދިޔަ އަހަރު ނިމުނު އިރު ކޮވިޑް ޕޮޒިޓިވް ކޭސްގެ ގޮތުގައި 13،757 ޖުމްލަ ކޭސް ވަނީ ރިޕޯޓް ކޮށްފައެވެ. އަދި އެ ދުވަހާ ހަމައަށް މަރުވި މީހުންގެ އަދަދު ވަނީ 48 ގައެވެ. ނަމަވެސް ވޭތުވެ ދިޔަ 5 މަސް ދުވަސް ތެރޭގައި ޖުމްލަ ޕޮޒިޓިވް ކޭސްގެ އަދަދު މި ވަނީ 71،000 އިން މައްޗަށް ގޮސްފައެވެ.