އަންނަ އާދިއްތައިން ބުރާސްފައްޗަށް ބޭންކް އޮފް މޯލްޑިވްސްގެ ހުރިހާ ބްރާންޗަކާއި ސާވިސް ސެންޓަރުތައް ބަންދުވި ނަމަވެސް ކާޑު ދޫކުރުމާއި އަސާސީ އެހެން ހިދުމަތްތައް ދޭނެ ކަމަށް ބޭންކުން ބުނެފިއެވެ.

ބީއެމްއެލުން ބުނީ، ކާޑު ދޫކުރުމަށް ކަސްޓަމާ ސާވިސް ސެންޓަރު ހުޅުވާނެ ކަމަށާއި މާދާއިން ފެށިގެން އަންނަ ބުރާސްފައްޗަށް ކޮންމެ ދުވަހެއްގެ ހެނދުނު 10 އިން މެންދުރު 2:00 އަށް ކާޑު ދޫކުރާނެ ކަމަށެވެ. އަދި ކާޑު ދޫކުުރުމަށް ހުޅުމާލެ ބްރާންޗު ވެސް މި ފެށޭ ހަފްތާގެ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ހުޅުވާނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

ހަމައެއާއެކު ބޭރަށް ނުކުތުމުގެ ހުއްދަ ލިބިފައިވާ ކަސްޓަމަރުންނަށް އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ. އެގޮތުން އާންމު ފަރުދުންގެ އެކައުންޓަކަށް ދުވާލަކު 100،000 ރުފިޔާ އަދި ވިޔަފާރި އެކައުންޓަކަށް 500،000 ރުފިޔާ ޖަމާ ކުރެވޭނެއެވެ.

ކަސްޓަމަރުންނަށް މެދުނުކެނޑި ހިދުމަތް ދިނުމުގެ ގޮތުން ހަފްތާ ދުވަސްތަކުގައި (ހުކުރު، ހޮނިހިރު ނުހިމަނައި) އަސާސީ ބޭންކިން ހިދުމަތްތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ރާއްޖޭން ބޭރަށް ފައިސާ ފޮނުވުން، އީމެއިލް މެދުވެރިކޮށް ޕޭރޯލް ހިދުމަތް ދިނުމުގެ އިތުރުން އޭޓީއެމްއަށް ޖަމާކުރާ ބީއެމްއެލް ޗެކް ޕްރޮސެސް ކުރުން ހިމެނެއެވެ.

އެމްއެމްއޭ ހުޅުވާފައި ހުންނަ ދުވަސްތައް ކަމަށްވާ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ލޯކަލް ބޭންކް ޓްރާންސްފާގެ ހިދުމަތް (އޭސީއެޗް އަދި އާރްޓީޖީއެސް) އާއި އެހެން ބޭންކުތަކުގެ ޗެކް ޕޮރެސެސްކުރުމުގެ ހިދުމަތް ވެސް ލިބޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ.