މާލީ ޒިންމާދާރު ވެރިން އަންޔަން ކުރުމުގެ ކުރިން ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އިމްތިހާނެއް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލު ކުރަންޖެހޭ ގޮތަށް ނިންމާފިއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ދައުލަތުގެ މާލީ ނިޒާމު ހަރުދަނާ ކުރުމަށް މިނިސްޓްރީން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، މާލީ ޒިންމާދާރުވެރިންގެ ޒިންމާ ހަވާލުކުރެވޭ ފަރާތްތަކަކީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ، އެ ގަވައިދުގެ ދަށުން ހެދޭ އުސޫލުތައް އަދި މާލީ ކަންކަން ކުރިއަށް ގެންދެވޭ ގޮތްތައް އެނގި އޮޅުން ފިލާފައިވާ ފަރާތްތަކަކަށް ހެދުމަށް އިތުރު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އެގޮތުން، މާލީ ޒިންމާދާރު ވެރިން އަންޔަންކުރުމުގެ ކުރިން މިނިސްޓްރީން ކަނޑައަޅާ އިމްތިހާނެއް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލުކުރާގޮތަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެގޮތަށް ހަމަޖެހުމާއި ގުޅިގެން، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 2.02 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތުގެ އޮފީސްތަކުގެ މާލީ ޒިންމާދާރުވެރިންގެ ގޮތުގައި އައްޔަންކުރާ ފަރާތަކީ އެ އިމްތިހާނުތައް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލު ކޮށްފައިވާ ފަރާތްތަކެއް ކަމަށް ކޮންމެހެން ވުން ލާޒިމުވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނީ ދައުލަތުގެ އިދާރާތަކުގައި ތިބި މާލީ ޒިންމާދާރު ވެރިންނަށް އެ އިމްތިހާނުތައް ފުރިހަމަކުރެވޭނެގޮތް ހެދުމަށްމިނިސްޓްރީން ފުރިހަމަ ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މިކަމާ ގުޅޭ މައުލޫމާތު އޮފީސްތަކާ ހިއްސާކުރަމުން ގެންދާނެ ކަމަށެވެ.
ވީމާ މިހާރު މާލީ ޒިންމާދާރުވެރިންގެ ގޮތުގައި މަސައްކަތް ކުރަމުންގެންދާ ފަރާތްތަކުން މި އިމްތިހާނު އޮގަސްޓު 22، 2021 ގެ ކުރިން ފުރިހަމަކޮށް ސެޓްފިކެޓް ހާސިލުކޮށްފައިވާކަން އޮފީސްތަކުން ކަށަވަރު ކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
އޭގެ އިތުރުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 2.06 ވަނަ މާއްދާގެ ދަށުން މާލީ ކަންކަމާއި ބެހޭ މަގާމުތަކަށް އައްޔަންކުރާ ފަރާތްތަކުގެ ތެރެއިން އިމްތިހާނު ފުރިހަމަ ކުރަންޖެހޭ ފަރާތްތައް ކަނޑައަޅާ އެ ފަރާތްތައް އޮކްޓޫބަރު 01، 2021 ގެ ކުރިން އެ އިމްތިހާނު ފުރިހަމަކުރާ ގޮތަށް ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީން ބުނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 2.03 ވަނަ މާއްދާގައި ބަޔާންކުރާ މާލީ ޒިންމާދާރުވެރިންގެ މަސްއޫލިއްޔަތުތަކަކީ ސިޔާސަތުތަކެއް ކަނޑައެޅުމަށްވުރެ އިދާރީ މަސައްކަތްތަކެއް ކަމުން، ރައީސުލްޖުމްހޫރިއްޔާ ސިޔާސީ މަގާމްތަކަށް އައްޔަން ކުރައްވާފައިވާ ފަރާތްތަކުން މާލީ ޒިންމާދާރުވެރިންގެ ގޮތުގައި އައްޔަން ނުކުރުމަށް ނިންމާފައިވާ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.