2022 އިން 2024 އަށް ތައްޔާރުކުރާ މެދު ރާސްތާ ބަޖެޓަށް ބޭނުންވާ ކަންކަން ހުށަހެޅުމަށް ސަރުކާރު އޮފީސްތަކަށް ފިނޭންސް މިނިސްޓްރީން އަންގައިފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނު ގެ 4 ވަނަ ބާބުގެ ދަށުން، މިނިސްޓާ އޮފް ފިނޭންސް ދައުލަތުގެ އަހަރީ ބަޖެޓު ތައްޔާރުކޮށް، ބަޖެޓު އެކުލަވާލެވޭ މާލީ އަހަރު ފެށުމުގެ 2 މަސް ދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހެއެވެ.

އެގޮތުން 2022 އިން 2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ގޮތާއި، ބަޖެޓު އެކުލަވާލުވުމުގެ ފުރަތަމަ މަރުހަލާގެ ދަށުން ދައުލަތުގެ އޮފީސްތަކުން އަލަށް ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކާއި މަޝްރޫއުތައް އެކުލަވާ، މި އަހަރުގެ ބަޖެޓު ޕްރޮސެސްއާ ގުޅޭ މައުލޫމާތުތައް މިނިސްޓްރީއަށް މިދިޔަ އޭޕްރިލް މަހު ހުށަހެޅުމަށް އަންގާފައި ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްތްރީން ބުނީ ބަޖެޓު ތައްޔާރުކުރުމުގެ ދެވަނަ މަރުހަލާއަކީ ބޭސްލައިން ބަޖެޓު ތައްޔާރުކުރުމުގެ މަރުހަލާ ކަމަށާއި ބޭސްލައިން ބަޖެޓަކީ އޮފީސްތަކުން މިހާރު ކުރިޔަށް ގެންދާ ނުވަތަ ހިނގަމުންދާ ހަރަކާތްތަކާއި މަޝްރޫޢުތަކަށް ހިނގާނެކަމަށް ލަފާކުރެވޭ ހަރަދުތަކުގެ މައްޗަށް އެކުލަވާލެވޭ ބަޖެޓެއް ކަމަށެވެ.

އޭގެ ތެރޭގައި އަލަށް ފެށުމަށް ރާވާ ހަރަކާތްތަކާއި އާ މަޝްރޫއުތައް ނުވަތަ އިތުރަށް ނަގަން ގަސްތުކުރާ މުވައްޒަފުންނަށް ބޭނުންވާ ބަޖެޓު ނުހިމެނޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ބޭސްލައިން ބަޖެޓު ތައްޔާރުކުރަން ވާނީ މިނިސްޓްރީން ކަނޑައަޅާފައިވާ ބަޖެޓު ސީލިންއަށްވުރެ ބޮޑު ނުވާނޭހެން އަދި މި ސާކިއުލާގެ އެނެކްސް ގައިވާ ބަޖެޓުގެ އަމާޒުތައް ހާސިލުކުރެވޭނެ ގޮތަށް ހަރަކާތްތައް ރާވައިގެންނެވެ. ބަޖެޓު ތައްޔާރުކުރުމާއި ތަންފީޒުކުރުން ހަރުދަނާކުރުމުގެ ގޮތުން އަންނަ އަހަރުގެ ބަޖެޓުން ފެށިގެންތައްޔާރުކުރުމަށް ހަމަޖެހިފައިވަނީ ޕްރޮގްރާމްތަކަށް ބަހާފައިވާ ބަޖެޓެކެވެ.
ފިނޭންސް މިނިސްޓްރީ

އެގޮތުން ޕްރޮގްރާމްތަކުގެ އޮނިގަނޑު އޮފީސްތަކާ މަޝްވަރާކޮށް މިހާރު ދަނީ ތައްޔާރުކޮށް ފައިނަލް ކުރެވެމުން ކަމަށާއި ނިއު ޕޮލިސީ އިނިޝިއޭޓިވްސްގެ ބަޖެޓު އަދި ބޭސްލައިން ބަޖެޓު ތައްޔާރުކުރަންވާނީ މި ޕްރޮގްރާމް އޮނިގަނޑުގެ ތެރެއަށް ފައްތައިގެން ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ މި ޕްރޮގްރާމް އޮނިގަނޑުގައި ހިމެނޭ ޕްރޮގްރާމްތައް ހާސިލު ކުރެވޭ މިންވަރު އަންގައިދޭ ޕާފޯމަންސް އިންޑިކޭޓަރުތައް ވެސް މި އަހަރުގެ ތެރޭގައި އޮފީސްތަކުގެ މަޝްވަރާއާއެކު އެކުލަވާލެވޭނެ ކަމަށެވެ. އަދި ބަޖެޓު ތަންފީޒުވަމުންދާ ގޮތް މިނެކިރުމުގައި މި ޕާފޯމަންސް އިންޑިކޭޓަރުތަކުގެ އަދާހަމަ މިނިސްޓްރީން އަންނަ އަހަރު މޮނިޓާކުރަމުންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން އިތުރަށް ބުނީ ދައުލަތުގެ އެންމެހައި އޮފީސްތަކުން، 2022 އިން 2024 އަށް ލަފާކުރާ މެދުރާސްތާ ބަޖެޓުގައި ހިމެނުމަށް ހުށަހަޅުއްވާ ބޭސްލައިން ބަޖެޓު އޮގަސްޓު 12، 2021 ގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަންވާނެ ކަމަށެވެ.