ވ. ފުލިދޫ ބަނދަރުގައި ލޯންޗެއްގެ ޕެޓްރޯލް ޓެންކެއް ގޮވާ، ކެޕްޓަނަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ފުލިދޫ ކައުންސިލްގެ ރައީސް މުހައްމަދު އިމްތިޔާޒް ވިދާޅުވީ އެހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 08:30 ހާއިރުއެވެ.

ހާދިސާ ހިނގީ ލޯންޗުގެ ކެޕްޓަން ލޯންޗަށް ޕެޓްރޯލް އެޅުމަށް ފަހު ފަތުރުވެރިން އަރުވާ ލޯންޗު ސްޓާޓު ކުރި ވަގުތު ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.

އެވަގުތު އެލޯންޗުގައި ކެޕްޓަންގެ އިތުރުން ފަސް ފަތުރުވެރިން ތިބި ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.

އިމްތިޔާޒް ވިދާޅުވީ ލޯންޗު ޕެޓްރޯލް ޓޭންކް ގޮވުމާ ގުޅިގެން ކެޕްޓަނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށާއި އަދި އިތުރު ފަރުވާ އަށް މާލެ ގެނެސްފައިވާ ކަމަށެވެ.

އެހާދިސާގައި ފަތުރުވެރިންނަށް އެހާ ބޮޑު އަނިޔާއެއް ވެފައި ނުވާ ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.

ޕެޓްރޯލް ޓޭންކު ގޮވި ނަމަވެސް ލޯންޗްގައި އަލިފާން ރޯވެފައެއް ނުވެއެވެ. ޕެޓްރޯލް ޓެންކް ގޮވުމާއެކު ލޯންޗު ވަނީ އަޑިއަށް ގޮސްފައެވެ. މިހާރު ލޯންޗު ވަނީ އެއްގަމަށް އަރުވާފައެވެ.