ޔަހޫދީ އިޒްރޭލާއި ފަލަސްތީނުގެ ގައްޒާއާ ދެމެދު ހުސްވި މަހު ކުރިއަށް ގެންދިޔަ 11 ދުވަހުގެ ހަނގުރާމައަށް ނިމުން ގެނައި ފަހުން މިހާތަނަށް، 2 ފަހަރެއްގެ މަތިން އިޒްރޭލުން ގައްޒާއަށް ސިލްސިލާ ހަމަލާތަކެއް ދީފިއެވެ.

ގައްޒާގައި ތިބި ފަލަސްތީނުގެ މަސްދަރުތަކުން ބުނާ ގޮތުގައި ބުރާސްފަތި ދުވަހު އިޒްރޭލުން ހަމަލާ ދީފައި ވަނީ ހަތިޔާރު އެޅި ހަނގުރާމަވެރި ގުރޫޕުތަކުގެ ކިއްލާތަކަކަށެވެ. މީގެ އިތުރުން، މަދަނީ އިދާރީ ހިދުމަތް ދޭ އިމާރަތަކާ، ދަނޑުބިންތަކަށްވެސް އިޒްރޭލުގެ ވައިގެ ހަމަލާތައް އަމާޒު ކުރި ކަމަށް މައުލޫމާތު ލިބެއެވެ.

މި ހަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނަ ގެއްލުނު ކަމުގެ ރިޕޯޓެއް އަދި ނުލިބެއެވެ.

ގައްޒާ ކޮންޓްރޯލް ކުރަމުން އަންނަ ހަމާށް ޖަމާއަތުގެ ތަރުޖަމާނު، ފައުޒީ ބަރްހޫމް ވަނީ، އިޒްރޭލުގެ މި ހަމަލާތަކަކީ، އާ ސަރުކާރުގެ ކުލަވަރު ދައްކާލި ދައްކާލުމެއް ކަމަށް ސިފަކޮށްފައެވެ.

ހުދުމުހުތާރު ލީޑަރު ބެންޖަމީން ނަތަންޔާހޫގެ 12 އަހަރުވީ ބޮޑުވަޒީރު ކަމުގެ ލަގަބުގައި ސިއްކަ ޖަހާ، އިޒްރޭލުގެ އާ ސަރުކާރަށް، ގާނޫނީ ހަދާ މަޖިލީހުން ރުހުން ދިނީ ނިމިގެން މިދާ ހަފުތާގެ ކުރީކޮޅުގައެވެ. ނަފްތާލީ ބެނެޓްގެ ބޮޑުވަޒީރު ކަމުގައި ދަށުގައި އިޒްރޭލުގައި އެކުލަވާލި އިއްތިހާދީ އާ ސަރުކާރަކީ، ނަތަންޔާހޫގެ ސަރުކާރާ ތަފާތު ވާނެ ސަރުކާރެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ފަލަސްތީނުން ދަނީ ކެނޑިނޭޅި ބުނަމުންނެވެ.