މުޅި ދުނިޔެ ސިއްސުވާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ތޫފާނީ ރާޅެއްގައި ޖެހުނު އަވަށްޓެރިން އިންޑިއާއިން، ކުރިއަށް ގެންދާ ކޮވިޑް ވެކްސިން ތަރައްގީ ކުރުމުގެ މަޝްރޫއު މިހާރު މި ވަނީ އަނެއްކާވެސް ދުވެލި ބާރު ކުރަން ފަށާފައެވެ.

އިންޑިއާއިން މިހާރު ތައްޔާރު ވަމުން ދަނީ، އެމެރިކާއިން ތަރައްގީ ނޯވާވެކްސް ކޮވިޑް ވެކްސިންގެ، އިންޑިއާ ވާޝަން ތައްޔާރުކޮށް، އުފެއްދުމަށެވެ. މި ވެކްސިންވެސް އުފައްދާނީ، އިތުރު ތައާރަފަކަށް ބޭނުން ނުވާ، ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ (އެސްއައިއައި) އިންނެވެ.

އެމެރިކާގައި ކުރިއަށް ގެންދިޔަ އެންމެ ފަހު މަރުހަލާގެ ނަތީޖާއަށް ބަލާއިރު، ނޯވާވެކްސް ކޮވިޑް ވެކްސިނަކީ، 90 ޕަސެންޓް ކާމިޔާބު ވެކްސިނެކެވެ.

ޒައިޑަސް ކެޑީލާގެ ޒައިކޯވް-ޑީގެ ނަން ދީފައިވާ ކޮވިޑް ވެކްސިން ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައިވާ ތަސްވީރެއް / ފޮޓޯ: އީއެންސީއޭ

މީގެ އިތުރުން، އިންޑިއާގެ ސަރުކާރުން ވަނީ އިންޑިއާގެ ބައޮލޮޖިކަލް އީ ކުންފުނީގެ ކޮވިޑް ވެކްސިންގެ 300 މިލިއަން ޑޯޒް ގަތުމަށް އޯޑަރު ދީފައެވެ.

ކޮވިޑް ވެކްސިން ކެމްޕޭންގައި ބޭނުން ކުރުމަށް، އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން މިހާތަނަށް ރުހުން ދީފައި ވަނީ 3 ބްރޭންޑެއްގެ ވެކްސިނަށެވެ. އެއީ ކޮވިޝީލްޑް، ކޮވެކްސިން އަދި ސްޕަޓްނިކް-5 އެވެ. މި ބްރޭންޑްތަކުން 260 މިލިއަން ޑޯޒްގެ ވެކްސިން ޖަހާފައި ވާ ކަމަށް ރެކޯޑްތަކުން ދައްކައެވެ.

އިންޑިއާގެ ސަރުކާރުން އަމާޒު ހިފާފައި ވަނީ މިހިނގާ 2021 ވަނަ އަހަރު ނިމުމުގެ ކުރިން، އިންޑިއާގެ މުޅި އާބާދީއަށް ކޮވިޑް ވެކްސިން ފޯރުކޮށްދިނުމަށެވެ. ނަމަވެސް މި އަމާޒަށް ވާސިލުވުމުގެ ދުވެލި މަޑުޖެހިފައި ވަނީ، ވެކްސިން ސިނާއަތަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ އިތުރުން، ވެކްސިން ޖެހުމަށް ބައެއް މީހުން ފަސްޖެހެމުން ދާތީއެވެ.

ޖޯންސަން އެންޑް ޖޯންސަންގެ ކޮވިޑް ވެކްސިން ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައިވާ ތަސްވީރެއް / ފޮޓޯ: އެލްއޭޓީ

އިންޑިއާގެ ބިޔަ އާބާދީއިން 2 ޑޯޒްގެ ވެކްސިން ފުރިހަމަ ކޮށްފައި ވަނީ އެންމެ 3.5 ޕަސެންޓް މީހުންނެވެ. ޖެނުއަރީ މަހު ވެކްސިން ކެމްޕޭން ފެށި ފަހުން، މިހާތަނަށް 1 ޑޯޒް ޖަހާފައި ވަނީވެސް އެންމެ 15 ޕަސެންޓް މީހުން ކަން ފާހަގަ ކުރަން ޖެހެއެވެ.

ކޮވޯވެކްސް ކޮވިޑް ވެކްސިން ލިބޭނީ ކީހާތާކު؟

2 ބިލިއަން ޑޯޒްގެ ވެކްސިން އުފެއްދުމަށް، އެސްއައިއައި އާއެކު، އެމެރިކާގެ ފާމަސޫޓިކަލް ކުންފުނި، ނޯވާވެކްސްއިން އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ ސެޕްޓެންބަރު މަހުގެ ތެރޭގައެވެ.

އެސްއައިއައިގެ ޗީފް އެގްޒެކެޓިވް އޮފިސާ، އަދާރު ޕޫނަވައްލާ ވަނީ، ކޮވޯވެކްސްގެ ނަމުގައި އިންޑިއާގައި އުފައްދާ ނޯވާވެކްސް ކޮވިޑް ވެކްސިން ޑޯޒްތައް، މިއަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި ލޯންޗްކުރެވޭ ވަރު ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާގެ ވެކްސިން ފެސިލިޓީއެއް / ފޮޓޯ: ނިއުސް18

ނޮވެންބަރު މަހުގެ ތެރޭގައި ތަހުލީލުތައް ނިންމާލެވޭނެ ކަމަށާ، ނަމަވެސް އެ މަރުހަލާ ނިމުމުގެ ކުރިން، ދުނިޔޭގެ ތަފާސް ހިސާބުތަކަށް ރިއާޔަތް ކޮށް، މި ވެކްސިން ބޭނުން ކުރުމުގެ ހުއްދައަށް އެދެވޭ ވަރު ވާނެ ކަމަށްވެސް ޕޫނަވައްލާ ވަނީ ވިދާޅުވެފައެވެ.

2 ވަނަ އާ ވެކްސިނަކީ ކޮބާ؟

އިންޑިއާގެ ސަރުކާރުން ވަނީ އެ ގައުމުގެ ބައޮލޮޖިކަލް އީ ކުންފުނީގެ ކޮވިޑް ވެކްސިންގެ 300 މިލިއަން ޑޯޒް ގަތުމަށް އޯޑަރު ދީފައެވެ. މި ކުންފުންޏަކީ އިންޑިއާގައި ޕްރައިވެޓް ފެންވަރުގައި ވެކްސިން އުފައްދަން ފެށި ފުރަތަމަ ކުންފުންޏެވެ.

206 މިލިއަން ޑޮލަރުގެ މި އެއްބަސްވުމަކީ، ކުއްލި ހާލަތުގައި ބޭނުން ކުރުމުގެ ހުއްދަވެސް ނުލިބެނީސް އިންޑިއާގެ ސަރުކާރުން އެކުލަވާލި ފުރަތަމަ އެއްބަސްވުމެވެ. ބައޮލޮޖިކަލް އީއިން ކޮވިޑް ވެކްސިން ތަރައްގީ ކުރަމުން އަންނަނީ، އެމެރިކާގައި ހިންގާ ޑައިނަވެކްސްއާ، ބޭލޯ ކޮލެޖް އޮފް މެޑިސިންއާ ގުޅިގެންނެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ތަރައްގީ ކޮށްފައިވާ ވެކްސިނެއް ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައި ވާ ތަސްވީރެއް / ފޮޓޯ: އިންޑިއަން އެކްސްޕްރެސް

މިހާތަނަށް އަދި ވަކި ނަމެއް ދީފައި ނުވާ ބައޮލޮޖިކަލް އީގެ ކޮވިޑް ވެކްސިން މިހާރު އޮތީ 3 ވަނަ މަރުހަލާގެ ތަހުލީލުތަކުގައެވެ. ވެކްސިންގެ ސަލާމަތާ ރައްކާތެރިކަން އަދި ކާމިޔާބީ ވަޒަން ކުރުމަށް އެތައް ހާސް ބަޔަކަށް ވެކްސިން ދެމުން ދެއެވެ. ފުރަތަމަ 2 މަރުހަލާގެ ނަތީޖާއަކީ އުއްމީދު ގެނުވަނީ ނަތީޖާތަކެއް ކަމަށް އިންޑިއާ ސަރުކާރުން ބުނެއެވެ.

މި އަހަރުގެ އޭޕްރިލް މަހު، އިންޑިއާގެ ސަރުކާރުން ވަނީ ދުނިޔޭގެ އެހެން ތަންތަނުގައި ބޭނުން ކުރާ ވެކްސިންތަކަށް ރުހުން ދީފައެވެ. އެހެން ކަމުން، ފައިޒާއާއި މޮޑާނާގެ ކޮވިޑް ވެކްސިން، އިންޑިއާގެ ރައްޔިތުންނަށް ބޭނުން ކުރެވޭނެ މަގު ވަނީ ތަނަވަސްވެފައެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ފައިޒާ ކުންފުނިން ތަރައްގީ ކޮށްފައިވާ ވެކްސިން / ފޮޓޯ: ޖަސްޓިން ޓެލީޒް

މި ނޫންވެސް އިތުރު ވެކްސިންތަކެއް، ތަހުލީލީ އެކި މަރުހަލާގައި މިވަގުތު އިންޑިއާގައި ދަނީ ޓެސްޓު ކުރަމުންނެވެ. އޭގެ ތެރޭގައި:

  • އަހުމަދުއާބާދުގައި ގާއިމު ކޮށްފައިވާ ޒައިޑަސް-ކެޑީލާ ކުންފުނިން ތަރައްގީ ކުރާ ޒައި-ކޮވް-ޑީ ވެކްސިން،
  • ހައިދަރުއާބާދުގައި ހިންގާ ބައޮލޮޖިކަލް އީ ކުންފުނިން އުފައްދާ، އެމެރިކާގެ ޖޯންސަން އެންޑް ޖޯންސަން ކުންފުނީގެ ކޮވިޑް ވެކްސިން
  • ސިއޭޓަލްގައި ހިންގާ އެޗްޑީޓީ ބައޮޓެކް ކޯޕަރޭޝަނާ ގުޅިގެން، ޕޫނާގެ ޖެނޯވާއިން ތަރައްގީ ކުރާ އެޗްޖީސީއޯ19 ކޮވިޑް ވެކްސިން، އަދި
  • ބާރަތު ބައޮޓެކުން ތަރައްގީ ކުރާ، ނޭފަތަށް ޖަހާ ވެކްސިން ހިމެނެއެވެ.

އިންޑިއާއަކީ ދުނިޔޭގެ ފާމަސީގެ ގޮތުގައި ސިފަކުރަމުން އަންނަ ގައުމަކަށް ވާއިރު، އިންޑިއާއިން ތަރައްގީ ކޮށް، ސިނާއީ ފެންވަރުގައި އުފައްދާ ވެކްސިންތަކަކަށް ގިނަ ގައުމުތަކަކުން ބަރޯސާވެއެވެ. އިންޑިއާއިން މިހާރުވެސް ވަނީ، 95 ގައުމަކަށް، 66 މިލިއަން ޑޯޒްގެ ކޮވިޑް ވެކްސިން ފޯރުކޮށްފައެވެ. ވިޔަފާރި އުސޫލުން ވިއްކި ވެކްސިން ޑޯޒްއާއި، ހަދިޔާ ކުރި ޑޯޒްތައްވެސް މީގެ ތެރޭގައި ހިމެނެއެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް އިންޑިއާއިން ތަރައްގީ ކޮށްފައިވާ ކޮވިޝީލްޑް ވެކްސިން ސްޓޮކެއް / ފޮޓޯ: އޭޕީ ނިއުސް

ނަމަވެސް، ކޮވިޑް-19ގެ ތޫފާނުގައި ޖެހި، 2 ވަނަ ރާޅެއްގައި އިންޑިއާ ގެނބެން ފެށުމާއެކު، އެ ގައުމުން ވަނީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނީގެ ފޯމިއުލާއަށް އެސްއައިއިން ތަރައްގީކޮށް، ސިނާއީ ފެންވަރުގައި އުފައްދާ ކޮވިޝީލްޑް ވެކްސިން އެކްސްޕޯޓް ކުރުން މަޑުޖައްސާލާފައެވެ. ވެކްސިން އެކްސްޕޯޓް ކުރުމުގެ ރޭހުގައި އިންޑިއާއިން މާޗް މަހު ބުރެކި ޖެއްސި ގޮތަށް، މި ދަތުރު އަދި ފަށާފައެއް ނުވެއެވެ.