ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިން ޖެހުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން ހޯމަ ދުވަހު 862 މީހަކު ދެ ޑޯޒް ވެކްސިން ފުރިހަމަ ކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން ހާމަ ކުރި ވެކްސިންގެ މައުލޫމާތަށް ބަލާއިރު މިހާތަނަށް ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 314،755 މީހުންނެވެ. އޭގެތެރެއިން 181،118 މީހުން ވަނީ ދެ ޑޯޒް ފުރިހަމަ ކޮށްފައެވެ.

އިއްޔެ ކޮވިޑް ވެކްސިން ޖުމްލަ 1079 މީހަކަށް ޖަހާފައި ވާއިރު، އޭގެ ތެރެއިން 217 މީހަކަށް ވަނީ ކޮވިޑް ވެކްސިންގެ އެއްވަނަ ޑޯޒް ޖަހާފައެވެ. އެއީ މާލެ ސަަހައްދުން 56 މިހަކާއި އަތޮޅުތެރެއިން 161 މީހެކެވެ. އިއްޔެ ދެވަނަ ޑޯޒް ޖެހި މީހުންނަށް ބަލާއިރު ޖުމްލަ 862 މީހަކު ވަނީ ވެކްސިން ޖަހާފައެވެ. އެއީ މާލެ ސަރަހައްދުން 282 މީހަކާއި އަތޮޅު ތެރެއިން 580 މީހެކެވެ.

މިއާ އެކު މިހާތަނަށް ކޮވިޑް ވެކްސިން ޖެހި މީހުންގެ ތެރެއިން 57.5 ޕަސެންޓް މީހުން ވަނީ 2 ޑޯޒް ފުރިހަމަ ކޮށްފައެވެ.

ވެކްސިން ޖެހި މީހުންގެ ތެރެއިން ގިނަ ބަޔަކު ވެކްސިން ފުރިހަމަ ނުކޮށް ތިބެން ޖެހިފައި ވަނީ ރާއްޖެއަށް ގެނައި ކޮވިޑް ވެކްސިންގެ ސްޓޮކް ހުސްވުމުންނެވެ. ނަމަވެސް ސިންގަޕޫރްގެ އެސްޓްރާޒެނެކާ ކުންފުނިން ގަންނަން މަސައްކަތް ކުރާ 500،000 ޑޯޒްގެ ކޮވިޑް ވެކްސިން އަންނަ މަހު ލިބޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކޮވިޝީލްޑް ވެކްސިން ޖަހާފައި ތިބި މީހުންނަށް އެސްޓަރަޒެނެކާ ޖެހޭނެއެވެ. އެއީ ދެ އިންސްޓިޓިއުޓެއްގައި އުފެއްދި ކަމުގައި ވިޔަސް އެއް ވެކްސިނެކެވެ. އަންނަ މަހު އެސްޓްރާޒެނެކާ ވެކްސިން ލިބޭނެ ކަމަށް ބުނާއިރު، ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް 6 މަސް ތެރޭ ދެވަނަ ޑޯޒް ޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.