ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ މީހަކު ތިނަދޫއިން މަރުވެ، ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 200 އަށް އަރައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، މިއަދު ފަތިހު 5:00 ގައި ކޮވިޑް ބަލީގައި އުމުރުން ދުވަސްވީ މީހަކު މަރުވެފައި ވާ ކަަމަށެވެ. އެމީހާ އަކީ ގދ. ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް މަރުވި މީހެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި އެއީ އުމުރުން 79 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.
މިއީ މިއަދުގެ ފުރަތަމަ މަރެވެ. މި މަރާއެކު ޖުމްލަ މަރުގެ އަދަދު މި ވަނީ 200 އަށް އަރާފައެވެ.
އިއްވެސް މިބަލީގައި ވަނީ އެކަކު މަރުވެފައެވެ. އެއީ ރޭގެ 9:23 ގައި ލ. ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް މަރުވި އުމުރުން 59 އަހަރުގެ ދިވެހި އަންހެނެކެވެ.
މި ދެ މަރާއެކު މި މަހުގެ ތެރޭގައި މަރުވި މީހުންގެ އަދަދު މި ވަނީ 40 އަށް އަރާފައެވެ. މި އަހަރު ތެރޭ މިހާތަަނަށް 152 މީހަކު މަރުވެފައިވާ އިރު މިދިޔަ އަހަރު މި ބަލީގައި ވަނީ 48 މީހަކު މަރުވެފައެވެ. ރާއްޖެއިން މިހާތަނަށް 195 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ.
2021 ގެ ކޮވިޑް މަރުގެ އަޕްޑޭޓް
- ޖޫން 2021 - 40 މަރު
- މެއި 2021 - 88 މަރު
- އޭޕްރީލް 2021 - 6 މަރު
- މާޗް 2021 - 5 މަރު
- ފެބްރުއަރީ 2021 - 10 މަރު
- ޖެނުއަރީ 2021 - 4 މަރު
މިދިޔަ އަހަރުގެ މާޗް މަހުގެ 7 ވަނަ ދުވަހު ރާއްޖެއިން ފުރަތަމަ ކޮވިޑް ކޭސްއެއް ފެނިފައިވާއިރު އެ މަހުގެ 27 ވަނަ ވަނަ ދުވަހު ފުރަތަމަ ފަހަރަށް ރާއްޖެއިން ދިވެއްސަކު މި ބައްޔަށް ވަނީ ޕޮޒިޓިވް ވެފައެވެ. މިއަދާ ހަމައަށް މި ބަލި ރާއްޖެއިން ފެނުނުތާ މި ވަނީ 466 ދުވަސް ވެފައި ވާއިރު މި ވޭތުވެ ދިޔަ 13 މަސް ދުވަހަށް ބަލާ އިރު އެންމެ ގިނަ މީހުން މަރުވެފައި ވަނީ މިދިޔަ މަހުއެވެ. މި ދިޔަ މަހު 88 މީހަކު މަރު ވެފައި ވާއިރު، އޭގެތެރއިން 52 މީހުންނަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް މަރުވި މީހުންނެވެ.
އަދި މިހާތަނަށް އެންމެ ގިނަ މީހުން މަރުވި ދުވަހަކީ މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހެވެ. އެ ދުވަހު ވަނީ ޖުމްލަ 13 މީހަކު މަރުވެފައެވެ.