އައްޑޫ އަތޮޅު ހިތަދޫގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވާތީ، އެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަންނަ ބުރާސްފަތި ދުވަހުން ފެށިގެން 16 ގަޑިއިރަށް ކާފިއުގެ ވަގުތު އިތުރުކުރަން ނިންމައިފިއެވެ.
އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އީއޯސީ) އިން މިރޭ ބޭއްވި ނިއުސް ކޮންފަރެންސެއްގައި މޭޔަރު އަލީ ނިޒާރު ވިދާޅުވީ، ބުރާސްފަތި ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު 8 އިން ހަވީރު 4 އާ ހަމައަށް ހިތަދޫގައި ބޭރަށް ނުކުމެވޭނީ ހާއްސަ ހާލަތުތަކެއްގައި އެކަނި ކަމަށާއި އަދި އެކަމަށް ހާއްސަ ފާހެއް ވެސް ބޭނުން ވާނެ ކަމަށެވެ. އެހެންކަމުން ކާފިއު ވަގުތެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ހަވީރު 4 އިން ފެށިގެން އަނެއް ދުވަހުގެ ހެނދުނު 8 އަށެވެ.
ހިތަދޫގެ ކޮންމެ ގޭބިސީއަކަށް ދެ ފާސް ދޫކުރަން ވަނީ ނިންމާފައެވެ. އެހެން ކަމުން ފާސް ނެތި ބޭރަށް ނުނިކުމެވޭނަ ކަމަށް އީއޯސީން ބުނެއެވެ.
މި ފާސްތައް ދޫކުރާނީ އީއޯސީއަށް ހުށަހަޅައިގެން ފުލުހުން މެދުވެރިކޮށެވެ. ގޭބިސީތަކަށް ދޫކުރާ ފާސްތަކުގެ ތެރެއިން އެއް ފާހުގައި އެކަކަށް ހެނދުނު 8:00 އިން މެންދުރު 12:00 އަދި އަނެއް ފާހުގައި ދެވަނަ މީހަކަށް މެންދުރު 12:00 އިން ހަވީރު 4:00 އަށް ބޭރުގައި އުޅުމުގެ ފުރުސަތު އޮންނާނެ އެވެ.
ހިތަދޫގެ ކާފިއު ވަގުތު އިތުރުކުރަން ނިންމި އިިރު އައްޑޫގެ އެހެން ރަށްރަށުގައި މިދިޔަ މަހުން ފެށިގެން ކާފިއު ހިންގަމުން އަންނަނީ ހަވީރު 4:00 އިން ފަތިހު 4:00 އަށެވެ. މިހާރު މުޅި އައްޑޫގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 82 އެވެ. އަދި ހިތަދޫގައި އެކްޓިވް ކޭސްގެ ގޮތުގައި 70 މީހަކު އެބަތިއްބެވެ.