ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިން ޖެހުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން ހޯމަދުވަހު 777 މީހަކު ދެ ޑޯޒް ވެކްސިން ފުރިހަމަ ކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޗަން އެޖެންސީ ( އެޗްޕީއޭ) އިން އެންމެ ފަހުން ހާމަ ކުރި ވެކްސިންގެ މައުލޫމާތަށް ބަލާއިރު މިހާތަނަށް ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 314،194 މީހުން ކަމަށެވެ. އޭގެތެރެއިން ދެ ޑޯޒް މިހާތަނަށް ފުރިހަމަ ކޮށްފައި ވަނީ 179،436 މީހުންނެވެ.

ހޯމަ ދުވަހު ކޮވިޑް ވެކްސިން ޖުމްލަ 912 މީހަކަށް ޖަހާފައި ވާއިރު، އޭގެ ތެރެއިން 135 މީހަކަށް ވަނީ ކޮވިޑް ވެކްސިންގެ އެއްވަނަ ޑޯޒް ޖަހާފައެވެ. އެއީ މާލެ ސަަހައްދުން 37 މިހަކާއި އަތޮޅުތެރެއިން 98 މީހެކެވެ. އެދުވަހު ދެވަނަ ޑޯޒް ޖެހި މީހުންނަށް ބަލާއިރު ޖުމްލަ 777 މީހަކު ވަނީ ވެކްސިން ޖަހާފައެވެ. އެއީ މާލެ ސަރަހައްދުން 193 މީހަކާއި އަތޮޅު ތެރެއިން 584 މީހެކެވެ.

މިއާ އެކު މިހާތަނަށް ކޮވިޑް ވެކްސިން ޖެހި މީހުންގެ ތެރެއިން ދެ ދޯޒް ފުރިހަމަ ކޮށްފައި ވަނީ ފުރަތަމަ ޑޯޒް ފުރިހަމަ ކުރި މީހުންގެ ތެރެއިން 57.1 ޕަސެންޓް މީހުންނެވެ.

ވެކްސިން ޖެހި މީހުންގެ ތެރެއިން ގިނަ ބަޔަކު ވެކްސިން ފުރިހަމަ ނުކޮށް ތިބެން ޖެހިފައި ވަނީ ރާއްޖެއަށް ގެނައި ކޮވިޑް ވެކްސިންގެ ސްޓޮކް ހުސްވުމުންނެވެ. ނަމަވެސް ސިންގަޕޫރްގެ އެސްޓްރާޒެނެކާ ކުންފުނިން ގަންނަން މަސައްކަތް ކުރާ 500،000 ޑޯޒްގެ ކޮވިޑް ވެކްސިން އަންނަ މަހުލިބޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކޮވިޝީލްޑް ވެކްސިން ޖަހާފައި ތިބި މީހުންނަށް އެސްޓަރަޒެނެކާ ޖެހޭނެއެވެ. އެއީ ދެ އިންސްޓިޓިއުޓެއްގައި އުފެއްދި ކަމުގައި ވިޔަސް އެއް ވެކްސިނެކެވެ. އަންނަ މަހު އެސްޓްރާޒެނެކާ ވެކްސިން ލިބޭނެ ކަމަށް ބުނާއިރު، ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް 6 މަސް ތެރޭ ދެވަނަ ޑޯޒް ޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.