ސޯޝަލް ހައުސިން ސްކީމުގެ ދަށުން ދިވެހި ކުންފުންޏަކުން ހިންގާ ފްލެޓް އެޅުމުގެ އެންމެ ބޮޑު މަޝްރޫއު ރަސްމީކޮށް މިއަދު އިފްތިތާހު ކޮށްފިއެވެ.
މި ޕްރޮޖެކްޓަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެޕޯލޯ ކުންފުންޏާ އެކު ސޮއިކޮށްފައިވާ ޕްރޮޖެކްޓެކެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ، އެޕޯލޯ ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ތަރައްގީ ކުރާ 1000 ހައުސިން ޔުނިޓް މިއަދު ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ކަމަށެވެ. ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި ވެސް ކުރިއަށް ގެންދާ މި ޕްރޮޖެކްޓްގެ ހައުސިން ޔުނިޓްތައް އަޅަނީ ތިން ކެޓެގެރީއަކަށް ބަހާލައިގެން ކަަމަށް ޕްލޭނިން އިން ބުނެއެވެ. އެއީ ކައުންސިލް ހައުސިން، މިޑްރޭންޖް ހައުސިން އަދި އެފޯޑަބަލް ހައުސިން އެވެ.
ކައުސިލް ހައުސިންގެ ދަށުން އަޅާނީ 120 ހައުސިން ޔުނިޓެވެ. މި ޔުނިޓްތަކުގައި ތަރައްގީ ކުރާ ދެ ކޮޓަރީގެ ފްލެޓްތަކުގައި ހުންނާނީ 650 އަކަފޫޓެވެ. ތިން ކޮޓަރީގެ ފްލެޓްތަކުގައި ހުންނާނީ 800 އަކަފޫޓެވެ. އެފޯޑަބަލް ހައުސިންގެ ދަށުން އަޅާނީ 220 ޔުނިޓެވެ. މި ކެޓަގަރީގެ ދެ ކޮޓަރީގެ ފްލެޓްތަކުގައި 650 އަކަފޫޓު ހުންނައިރު ތިން ކޮޓަރީގެ ފްލެޓްތަކުގައި 900 އަކަފޫޓު ހުންނާނެ އެވެ. މީގެ އިތުރުން މިޑްރޭންޖް ކެޓަގަރީގެ ދަށުން އަޅާ ދެ ކޮޓަރީގެ ފްލެޓްތަކުގައި 750 އަކަފޫޓު ހުންނައިރު ތިން ކޮޓަރީގެ ފްލެޓްތަކުގައި 1000 އަކަފުޓޫ ހުންނާނެ އެވެ. މި ކެޓަގަރީގެ ދަށުން އަޅާނީ 660 ޔުނިޓެވެ.
މިނިސްޓަރު އަސްލަމް މިއަދު ވިދާޅުވީ މި ފްލެޓްތަކަކީ އެކި ގިންތީގެ މީހުންނަށް ހާއްސަކޮށްގެން އަޅާ ފްލެޓްތަކެއް ކަމަށެވެ. ކޮންމެ ސަރުކާރަކުން ވެސް ފްލެޓް އަޅަނީ އެއްތައްގަނޑަކަށް އެންމެންނަށް އެއް އަގެއް ދައްކަން ޖެހޭ ގޮތަށް ކަމަށާއި ނަމަވެސް މި ސަރުކާރުގެ ސިޔާސަތުތައް ހުރީ އެންމެ ފެންވަރު ދަށް މީހާ އަށް ވެސް ފްލެޓް ގަތުމުގެ ގާބިލުކަން ހޯދައިދެވޭ ގޮތަށް ކަމަށެވެ. މިއީ އެކި ފަރާތްތަކާ މަޝްވަރާކުރެވި އަދި ރައްޔިތުންގެ އާމްދަނީ އަށް ބަލާފައި ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށްވެސް ވިދާޅުވިއެވެ.
މި މަޝްރޫއު ކުރިއަށް މިގެންދަނީ ސަރުކާރުން ލޯނު ނަގައިގެން ސޮވެރިން ގެރެންޓީއެއް ބަހައްޓައިގެނެއް ނޫން ކަމަށް އަސްލަމް ވިދާޅުވިއެވެ. މި ޕްރޮޖެކްޓަށް ފަންޑު ކުރަނީ އެޕޯލޯއިން ކަމަށާއި ސަރުކާރުން ކުރި ކަމަކީ ކައުންސިލް ހައުސިންނާއި އެފޯޑަބަލް ހައުސިން ކެޓަގަރީއަށް ބެކް ގެރެންޓީއެއް ދިނީ ކަމަށް އަސްލަމް ވިދާޅުވިއެވެ.
މިޑް ލެވެލް ހައުސިންއަކީ ޕްރޮޖެކްޓް ހިންގާ ފަރާތުން ކަނޑައަޅާ އަގުތަކަކަށް ވިއްކުމަށް ހަމަޖެހިފައިވާ ޔުނިޓު ތަކެކެވެ. މިގޮތުން ޑިވެލޮޕަރުގެ ފަރާތުން ވިއްކުމަށް ހަމަޖެހިފައިވާ މިޑް ލެވެލް ހައުސިން ޔުނިޓުތަކުގެ އަގެއްގެ ގޮތުގައި އަކަފޫޓަކަށް 2400 ރުފިޔާއަށް ވުރެއް ބޮޑު ނޫން އަގެއް ހަމަޖެއްސުމަށް މިއެއްބަސްވުމުގެ ދަށުން ވަނީ ކަނޑައަޅާފައި ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ. މި މަޝްރޫގެ ދަށުން އިމާރާތް ކުރާ ޔުނިޓުތަކަކީ ޖާގައިގެ ގޮތުންނާއި އަދި އަގުގެ ގޮތުން ވެސް ސަރުކާރުން ކުރިން ހިންގާފައިވާ މަޝްރޫތަކާ އަޅާ ބަލާއިރު ގިނަ ހެޔޮ ބަދަލުތަކެއް ގެނެވިފައިވާ ޔުނިޓުތަކެއް ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
މިގޮތުން ޔުނިޓުތަކުގެ އަގު ނުވަތަ އިމާރާތް ކުރުމަށް ދާ ހަރަދު ކަނޑައެޅިފައި ވަނީ މިހާރު މާކެޓް ނުވަތަ ގެދޮރުވެރިކަމުގެ މަޝްރޫތަކުގައި ކަނޑައަޅާފައިވާ އަގުތަކަށް ވުރެއް ނިސްބަތުން ކުޑަ ކޮށް ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ. މިގޮތުން ހިޔާ 7000 ހައުސިން ޔުނިޓުތަކާއި އަޅާބަލާ ނަމަ ކައުންސިލް ހައުސިންގެ ގޮތުގައި ކަނޑައަޅާފައިވާ ޔުނިޓުތަކުގެ އަގު ވަނީ 27 ޕަސަންޓް ކުޑަކުރެވިފައި ކަމަށް އެ ފަރާތުން ބުނެއެވެ.
މި މަޝްރޫގެ 1 ވަނަ ސްޓޭޖް މާޗު 31، 2023 ގައި ނިއްމުމަށް ހަމަޖެހިފައި ވާއިރު ސްޓޭޖް 2 އަދި 3 ގެ މަސައްކަތް އޮކްޓޯބަރު 31، 2023 ގެ ނިޔަލަށް ނިންމުމަށް ވަނީ ހަމަޖެހިފައި ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.
ކިހިނެއް ތި ހޯދަން ހަދަން ޖެހެނީ