ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ދޭ ލުއިތަކުގެ ތެރެއިން މާދަމާ އިން ފެށިގެން މާލެ ސަރަހައްދުގައި ކާފިއު ހިންގާ ވަގުތު މަދުކޮށްފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާލުވީ، ދޭ ލުއިތަކެއްގެ ގޮތުގައި މާލެ ސަރަހައްދުގައި ހިންގާ ކާފިއު ވަގުތު ހަވީރު 4 އިން ފަތިހު 4 އަށް ބަދަލުކޮށްފައި ވާ ކަމަށެވެ. މިގޮތަށް ހަމަޖެއްސި ނަމަވެސް ކާފިއު ނޫން ވަގުތުތަކުގައި ބޭރަށް ނުކުމެ އުޅެވޭނީ ހުއްދަ އޮވެގެން ކަމަށް އޭނާ ވިދާޅުވިއެވެ.

މިގޮތަށް ހަމަޖައްސާފައި ވަނީ ކަސްރަތު ކުރަން ނުކުންނަ މީހުންނަށް ނުކުމެވޭ ގޮތަށް ހަމަޖެއްސުމަށް ކަމަށް ނަޒްލާ ވިދާޅުވިއެވެ. އެގޮތުން ފަތިހު 4 އިން ހެނދުނު 8 އާ ދެމެދު އެއްވެސް ހުއްދައަކާ ނުލައި ކަސްރަތު ކުރާ ފަރާތްތަކަށް ނުކުމެވޭނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

މި ގޮތަށް އަމަލު ކުރާނީ މާދަމާއިން ފެށިގެން ކުރިއަށް އޮތް ދެ ހަފްތާގެ މުއްދަތަށް ކަމަށް ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން މާލެ ސަރަހައްދުގައި މިސްކިތަތްކުގައި ވަކިވަކި މީހުން ގޮސް ނަމާދު ކުރެވޭ ގޮތަށްވެސް ވަނީ ހުޅުވާލާފައއެވެ. މިސްކިތްތައް މިގޮތަށް ހުޅުވާލި ނަމަވެސް ޖަމާއަތުގައި ނަމާދު ނުކުރެވޭނެއެވެ.

މާދަމާއިން ފެށިގެން ކާފިއު ވަގުތު މަދުކޮށްފައި ވާއިރު މިދިޔަ މެއި މަހުގެ 26 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި އަންނަނީ 16 ގަޑިއިރު ކާފިއުއެއް ހިންގަމުންނެވެ. އެގޮތުން މިއަދާ ހަމައަށް ކާފިއު ހިންގާފައި ވަނީ ހަވީރު 4 އިން ހެނދުނު 8 އަށެވެ.